ގަވައިދާ ޚިލާފައި ޕާކުކުރުމުން މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ޙައްލުހޯދުމަށް ކަމާއިގުޅޭ ހުރިހާ ފަރާތްތަކާއިއެކު މަޝްވަރާ ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ޕާކިންގ މައްސަލަތަކާއި ގުޅިގެން ޕާކިންގ ވަޔަލޭޝަން ސްޓިކާ ޖަހާ މިންވަރު ފުލުހުން އިތުރުކޮށްފައި ވާތީ އާއްމުން ދަނީ އެކަމާއިމެދު ނުރުހުން ފާޅުކުރަމުންނެވެ. އަދި ޕާކު ކުރާނެ ތަންތަން ނުދައްކައި ސްޓިކާ ޖެހުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ސްޓިކާ ޖެހުން ވަގުތީގޮތުން ހުއްޓާލުމަށް ފުލުހުން ނިންމާފައިވާކަމަށް ބައެއް މީޑިއާތަކުން ޚަބަރު ފެތުރި ނަމަވެސް، އެކަމާއި ގުޅޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ މަގުތައް ބޭނުންކުރާ މީހުންނަށް ލުއިގޮތްތަކެއް ހޯދައި ދިނުމަށް ކަމާގުޅުންހުރި އިދާރާތަކާއި އެކު މަޝްވަރާކުރުމަށް ކަމަށެވެ.
އަދި ފުލުހުން 24 ގަޑިއިރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މަގުތަކަކީ އާއްމުންނަށް ސަލާމަތްތެރި އަދި ރައްކާތެރި ތަނަކަށް ހެދުމަށް ކަމުގައި ފުލުހުން ވިދާޅުވެއެވެ.
އެގޮތުން ސްކޫލް ހުޅުވުމުން، ސްކޫލްތައް ހުންނަ ސަރަޙައްދުތައް ޚާއްސަ ސަމާލުކަމެއްދީގެން ބަލަހައްޓަމުން ގެންދާނެ ކަމުގައިވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުންވަނީ މަގުމަތި ބޭނުންކުރާ ފަރާތްތަކުން މަގުމަތީގެ ޤަވައިދުތަކަށް ހުރުމަތްތެރިކޮށް ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.