ޚަބަރު

ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މިއަހަރު ފަށަނީ


ސަރުކާރުގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މިއަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ މުނާޞަބަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮންމެ ދަރިވަރަކީވެސް މަސައްކަތައް އަހުލުވެރި ބައެއްގެގޮތުގައި ހެދުންކަމަށެވެ.

2020 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުންފެށުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ދެއްވި ޚިތާބުގައި ވިދާޅުވީ މަދަރުސީ ތަޢުލީމު ނިންމާ ކޮންމެ ދަރިވަރަކީ އަބުރުވެރިކަމާއެކު އަމިއްލައަށް ދިރިއުޅެވޭނެ މީހަކަށް ހެދުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަޒުމެއް ކަމަށެވެ. މިގޮތުން ދަރިވަރުން މަސައްކަތަށް އަހުލުވެރި ކުރުވުމަށްޓަކައި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މުޅިން އަލަށް ސްކޫލުތަކުގައި މިއަހަރުތެރޭ ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. އަދި ނިމުނު އަހަރު ގްރޭޑް 10 ނިންމި ދަރިވަރުން މަސައްކަތަށް އަހުލުވެރިކުރުވުމަށް އަންނަ ފެބްރުއަރީ މަހު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ތަޢުލީމް ފޯރުވައިދެމުންދާތާ މިހާރު 100 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެހެންނަމަވެސް ތަޢުލީމާ ގުޅޭ ޤާނޫނެއްނެތެވެ. މިކަން ފާހަގަކޮށް މިނިސްޓަރ ވަނީ މިއަހަރުގެ ތެރޭ ތަޢުލީމާބެހޭ ޤާނޫނެއް ފާސްވެގެން ދިޔުމަށް އުއްމީދުކުރައްވާކަމަށެވެ. މިކަމުގެ ސަބަބުން އެކި ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ލިޔެވި ބަޔާންވެގެން ވުމާއި، ކަންކަމަށް މީހުން ޒިންމާދާރުކުރުވުމަށާއި ތަޢުލީމުގެ ބާވަތާއި ގޮތްތައް ކަނޑައެޅުމުގައި ވަރަށް ބޮޑު ސާފުކަމެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ، ވިހިވިއްސަކީ، ދިވެހިރާއްޖޭގެ ތަޢުލީމީ ތާރީޚްގައި، ފަނޑުވުމެއް ނެތް ފެހިކުލައަކުން ލިޔެލެވޭ އަހަރަކަށް ހެދުމަށް. އެތައް ދާއިރާއަކުން ކުރިއެރުންތައް ހޯދުމަށް.
މިމަސައްކަތުގައި، ބެލެނިވެރިންނާއި މުވައްޒަފުންގެ ފަރާތުން، ކައުންސިލްތަކުންނާއި ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަން. ވޭތުވެދިޔަ އަހަރު، ތަޢުލީމީ ނައު ކުރިއަށް ދުވެފައިވާނަމަ، އެ ނަވުގައި އެޅި ފައްސި ވަޔަކީ މި ބޭބޭފުޅުންގެ އަޅާލުންތެރިކަމާއި އެހީތެރިކަން." މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރަކީ ތަޢުލީމަށް އިތުރު ކުރިއެރުންތަކެއް އަންނާނެ އަހަރެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މިއަހަރު ހިންގާނޭ މުހިއްމު އެއްކަމަކީ ހުރިހާ ސްކޫލްތަކުގެ ޢުމްރާނީ އަދި ކިޔަވައިދިނުމަށް ބޭނުންކުރާ ވަސީލަތްތައް އިތުރުކުރުންކަން ފާހަގަކުރައްވާފައެވެ. މިކަމުގެ ތެރޭގައި އެތައް ސްކޫލެއްގައި އައު ޢިމާރާތްތައް ކުރުމާއި އެކި ތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނު ހިންގަން ފެށުމާ ގުޅިގެން އިތުރު ބާރުތައް ސްކޫލްތަކަށް ފޯރުކޮށްދެވޭނެކަމަށާއި

މާލޭގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ގޮތުން، އަލަށް ސްކޫލެއް މިއަހަރު ހުޅުވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއަހަރުގެ ތެރޭގައި އެއްދަންފަޅިއަށް ކިޔަވައިދޭ އިތުރު ދެ ސްކޫލެއް މާލޭ ސަރަޙައްދުގައި އަޅަން ފަށާނެކަމަށާއި މިއީ އެއް ދަންފަޅިއަށް ސްކޫލްތައް ހިންގުމާމެދު ސަރުކާރު ސީރިއަސްކަން ހާމަކޮށްދޭ ރަމްޒެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ދަރިވަރުންނަށް އަޅުގަނޑު ދަންނަވާނީ، ތިޔައިން ބައެއް ކުދީންނަށް، މިހާރު ކޮންމެ އިޙްސާސެއް ކުރެވުނަސް، ގިނަ ބޮޑެތި މީހުންގެ ހަނދާނުގައި، މަދަރުސާއަށް އަލަށް ވަންނަ ދުވަސް، ފަހުން ހަނދާންވަނީ ވަރަށް ހިތްގައިމު ދުވަހެއްގެ ގޮތުގައި. ހަމަ އެފަދައިން، ސްކޫލް ނިންމާ ވަކިވާން ޖެހޭ ދުވަހަކީ، ގިނަ މީހުން ހިތާމަޔާ އެކު ހަނދާންކުރާ ދުވަހެއް. އަޅުގަނޑުމެން ވިސްނަންވީ، ކުރާހިތްވާ ކަންތައްތައް ކުރުމަށްޓަކައި، އެކަންކަމަށް ފުރުޞަތު ހޯދުމަށްޓަކައި، ކުރާހިތް ނުވާ ކަންތައްތައް ވެސް ކުރަން ޖެހޭނެކަން. ކެރުމާ އެކީ ކުރިމަތިލައިގެން ނޫނީ، ކަންކަން ކާމިޔާބު ނުކުރެވޭނެކަން. މާޒީގެ ދުވަސްތަކަށް ވުރެ ކުލަގަދަ ދުވަސްތަކަކަށް، މުސްތަޤްބަލް ހެދިދާނެކަން."މިނިސްޓަރ ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރުގެ ކާމިޔާބީއަށް އަލިއަޅުވާލައްވާ މިނިސްޓަރ ވަނީ ހިލޭ ނާސްތާ ދަރިވަރުންނަށް ދޭން ފެށުމުން އެކަމުގެ ހެޔޮ އަސަރުތައް މުސްތަޤްބަލުގައި ފެންނާނެކަން ފާހަގަކުރައްވާފައެވެ. އަދި
ލާމަރުކަޒީ ޤާނޫނު ހިންގަން ފެށުމާ ގުޅިގެން އިތުރު ބާރުތައް ސްކޫލްތަކަށް ފޯރުކޮށްދެވޭނެ ކަމަށްވެސް މިނިސްޓަރ ޢާއިޝަތު އަލީ ވިދާޅުވިއެވެ.