ޚަބަރު

އޮމާންގެ ރަސްކަމަށް ހައިތަމް ބިން ޠާރިޤް އަލް ސަޢީދު ޢައްޔަނުކޮށްފި


އޮމާންގެ ރަސްކަމުގެ ތަޚުތަށް ހައިތަމް ބިން ޠާރިޤް އަލް ސަޢީދު ޢައްޔަނުކޮށްފިއެވެ. ހައިތަމް ބިން ޠާރިޤް އެ މަޤާމަށް ޢައްޔަނުކޮށްފައިވަނީ ރަސްގެފާނު ޤާބޫސް ބިން ސަޢީދު އަވަހާރަވުމުންނެވެ. އޮމާންގެ ރަސްކަމުގެ ދީވާނުން ބުނީ އުމުރުފުޅުން 79 އަހަރުގައި ޤާބޫސް ރަސްގެފާނު އަވަހާރަވީ އާލާސްކަންފުޅުގައި އުޅުއްވުމަށްފަހުކަމަށެވެ.

އުސޫލެއްގެ ގޮތުން އޮމާންގެ ރަސްކަމަށް ބޭފުޅަކު އިސްކުރުމަށް އޮންނަނީ ވެރިކަމުގައި ހުންނަވާ ބޭފުޅަކު އަވަހާރަވާތާ 3 ދުވަހުގެ ތެރޭގައެވެ. އެހެންނަމަވެސް ޤާބޫސް ރަސްގެފާނު އަވަހަރަވިތާ 6 ވަރަކަށް ގަޑިއިރުތެރޭގައި އެ ޤައުމުގެ ޝާހީ އާއިލާގެ މަޖިލީސް ބައްދަލުވުމެއް ބާއްވާ، އެ މަޖިލީހުންވަނީ ރަސްކަމަށް ހައިތަމް ބިން ޠާރިޤް އަލް ސަޢީދު ޢައްޔަނުކޮށްފައެވެ. ޤާބޫސް ރަސްގެފާނަށް ދަރިއަކު ލިބިވަޑައިގެންފައެއްނުވެއެވެ. އޮމާންގެ ރަސްކަމަށް އިސްވެވަޑައިގެންނެވި ހައިޘަމް ބިން ޠާރިޤްއަކީ ޤާބޫސް ރަސްގެފާނާ ދެބޭންގެ ދެދަރި ބޭފުޅެކެވެ.

އޮމާންގެ އައު ރަސްގެފާނު ހައިތަމް ބިން ޠާރިޤްއަކީ އެ ޤައުމުގެ ޘަގާފަތާބެހޭ ވަޒީރުކަން ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ޝާހީ އާއިލާގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ޤާބޫސް ރަސްގެފާނާ ވަރަށް އަރިސް ބޭފުޅެކެވެ. އޮމާންގެ ރަސްމީ މީޑީއާ ބުނާގޮތުން ހައިތަމް ބިން ޠާރިޤް މިހާރުވަނީ ރަސްކަމުގެ ހުވާކުރައްވާފައެވެ.

އޭނާ ރަސްކަމަށް އިސްކުރުމަށް ނިންމީ ޝާހީ އާއިލާގެ މަޖިލީސް އިއްތިފާޤުންކަމަށް އޮމާންގެ މީޑިޔާއިން ވަނީ ރިޕޯޓުކޮށްފައެވެ. ރަސްކަމުގެ ތަޚުތަށް އިސްވެވަޑައިގަންނަވާ ބޭފުޅަކީ ޝާހީ ޚާންދާނުގެ ބޭފުޅަކަށްވުމާއެކު، މުސްލިމް އަދި ހަތަރުމަތިފުށް އޮމާން ރައްޔިތަކަށްވުން ރަސްކަމަށް ބޭފުޅަކު އިސްކުރުމަށް އޮންނަ އުސޫލު ލާޒިމްކުރެއެވެ.