ވިޔަފާރި

މިދިޔަ އަހަރު ރާއްޖޭގެ އިގްތިޞާދީ ދުވެލި މަޑުޖެހުނު


ކޮންސްޓްރަކްޝަން ދާއިރާގެ ކުރިއެރުން މަޑުޖެހުމުގެ ސަބަބުން މިދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ކުރިއެރި މިންވަރު މަޑު ޖެހިގެން ގޮސްފައިވާކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން މިކަން ހާމަކުރީ އެ ބެންކުން ނެރުނު ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓުގައެވެ.

ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ވަނީ ކުރިއަރާފައެވެ. ނަމަވެސް އިމާރާތް ކުރުމުގެ ދާއިރާ މަޑުޖެހުމުގެ ސަބަބުން މުޅި އިގްތިޞާދުގެ ދުވެލި ވަނީ މަޑުޖެހިފައެވެ. މިކަމުގެ ސަބަބުން 2019 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން ހުރީ 5.2 އިންސައްތައިގައިކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ. މިއީ ކުރިން ވޯލްޑް ބޭނުން ރާއްޖޭގެ އިޤްތިސާދު މިދިޔައަހަރު ކުރިއަރާނެކަމަށް ލަފާކުރި އަދަދަށްވުރެ ދަށް އަދަދެކެވެ.

ވޯލްޑް ބެންކުގެ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަންވެސް ވަނީ އިތުރުވެފައެވެ. އަނެއްކޮޅުން މިއަހަރު ރާއްޖޭގެ އިޤްތިސާދު 5.5 އިންސައްތަ ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން އަންދާޒާކުރާއިރު، 2021 ވަނަ އަހަރު އެއަދަދު 5.6 އަށް މަތިވެގެންދާނެއެވެ. އަދި މި އަހަރު ރާއްޖޭގެ އިންފްލޭޝަން މަތިނުވެ ހިފެއްޓިފައި ހުންނާނެކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ވޯލްޑް ބޭންކުގެ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓަކީ އެބޭނުންކުން އަހަރަކު ދެފަހަރު ނެރޭ ރިޕޯޓެކެވެ. މިރިޕޯޓަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ އިޤްތިސާދު ދިރާސާކުރުމަށްފަހު ނެރޭ ރިޕޯޓެކެވެ.