ވިޔަފާރި

މިދިޔަ އަހަރު ޑޮލަރުން ލިބުނު އާމްދަނީ 5 އިންސައްތަ އިތުރުވެއްޖެ


2019 ވަނަ އަހަރު ޑޮލަރުން ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 5 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ހިސާބުތަކުން ދައްކައިފިއެވެ

ތަފާސް ހިސާބުތައް ދައްކާގޮތުން ޑޮލަރުން ލިބުނު އާމްދަނީ ރަގަނޅުވެފައިވަނީ މިދިޔަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ފައިދާ އިތުރުވުމުންނެވެ.

މީރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ޑޮލަރުން އާމްދަނީގެ ގޮތުގައި 653 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ 2018 ވަނަ އަހަރު ލިބުނު 623 މިލިއަން ޑޮލަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 5 އިންސައްތަ އިތުރު އަދަދެކެވެ.

ޑޮލަރުގެ އާމްދަނީ އިތުރުވުމުގައި އެންމެ ބޮޑު ބައެއް އަދާކުރި ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީވެސް އިތުރުވެފައިވާކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ފަތުރުވެރިކަމުގެ ދާއިރާއިން މިދިޔަ އަހަރު ޖީއެސްޓީގެ ގޮތުގައި 5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދާއިރާއިން 2018 ވަނަ އަހަރު ދައުލަތަށް ލިބިފައިވަނީ 4.7 ބިލިއަން ރުފިޔާއެވެ.
ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވުމަށްޓަކާ ސަރުކާރުން އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރު ނިމުނުއިރު 1.7 މިލިއަން ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ.

މިއަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ޓުއަރިޒަމް މިނިސްޓްރީ މަސައްކަތް ފަށާފައިވާއިރު، މީގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ނަފާ އިތުރުވެގެން ދާނެއެވެ.