ޚަބަރު

ކުޅުދުއްދުށި ސިޓީގެ އިންތިޚާބީ ދާއިރާތަކާއި އަދި އަންހެން މެމްބަރުން އިންތިޚާބު ކުރާނެ ދާއިރާތައް ކަނޑައަޅަފައި


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކުޅުދުއްދުށި ސިޓީގެ އިންތިޚާބީ ދާއިރާ ކަނޑައަޅައި އަދި އަންހެން މެމްބަރުން އިންތިޚާބު ކުރާނެ ދާއިރާތައް ކަނޑައަޅަފައިއެވެ.

އެ ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އިންތިހާބީ ހަ ދާއިރާ ކަނޑައަޅައި އަންހެން މެމްބަރުން އިންތިހާބު ކުރާނެ ދެ ދާއިރާ ގުރުއަތުން ހޮވައިފައެވެ.
ކުޅުދުއްފުށީގެ އިންތިޚާބީ ހަ ދާއިރާގެ ގޮތުގައި ކަނޑައަޅާފައިވަނީ ކުޅުދުއްފުށި އުތުރު ދާއިރާއާއި،
ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާއާއި، މެދު އުތުރު ދާއިރާއާއި، މެދު ދެކުނު ދާއިރާއާއި، ހުޅަނގު ދެކުނު ދާއިރާ އަދި ކުޅުދުއްފުށި އިރު ދެކުނު ދާއިރާ އެވެ.

އިލެކްޝަންސް ކޮމިޝަނުން ނެގި ގުރުއަތުން، އެ ހަ ދާއިރާގެ ތެރެއިން އަންހެން މެމްބަރުން ހޮވާ ދެ ދާއިރާގެ ގޮތުގައި ހޮވުނީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި ކުޅުދުއްފުށި މެދު ދެކުނު ދާއިރާއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު އަކްރަމް ވަނީ އިންތިޚާބުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެގޮތް ހިއްސާކުރައްވާފައެވެ. މިގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ މަގާމަކަށް ވޯޓުލާނީވެސް އެއް ވޯޓު ކަރުދާސްކޮޅެއްގައިކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ސިޓީ ކައުންސިލްތަކުގައި މޭޔަރާއި ސިޓީ ކައުންސިލްގެ މެމްބަރުންނަށް އޮންނާނީ އެއް ވޯޓު ކަރުދާސްކޮޅެއްގައި ކަމަށެވެ. ނަމަވެސް އަންހެނުން ކުރިއަރުވާ ކޮމެޓީގެ މެމްބަރުން އިންތިޚާބުކުރާނީ ވަކި ވޯޓު ކަރުދާސްކޮޅެއްގައި ފާހަގަ ލައިގެންކަމަށް އޭނާ ވިދާޅުވިއެވެ.
އަޑު:
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓުޢާންމުކޮށް ރިޕޯޓަށް ޝަކުވާ ހުށަހެޅުމާއި ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތަކުގެ ނަންތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިގޮތުން ޝަކުވާ ހުށައެޅުމާއި ހިޔާލު ހުށައެޅުމަށް މިއަދު މެންދުރު ތިނެއް ޖެހުމާ ހަމަޔަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހުއެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ނުވަ ސަތޭކަ އަށްޑިހަ ކައުންސިލަރުން އިންތިޚާބު ކުރަންޖެހެއެވެ. ރަށު ކައުންސިލްތަކުން ރައީސުންގެ ގޮތުގައި ސަތޭކަ ހަތްދިހަ ނުވަ މީހަކު އިންތިޚާބުކުރާއިރު އަތޮޅު ކައުންސިލަރުންގެ ގޮތުގައި އަށާރަ މީހަކު އިންތިހާބު ކުރަންޖެހެއެވެ. އަދި ހަތަރު ސިޓީއަކަށް މޭޔަރުންނާއި ކައުންސިލަރުން އިންތިޚާބުކުރަންޖެހެއެވެ.