ޚަބަރު

ރާއްޖޭގެ 2 ސަރަހައްދެއްގައި ޕޮލިޓެކްނިކްގެ އައު ކެމްޕަސްހުޅުވާ، މޯބައިލް ޓްރެއިނިންގ ސެޓަޕް ތަޢާރަފްކުރަނީ


މިއަހަރު ތެރޭގައި ރާއްޖޭގެ 2 ސަރަހައްދެއްގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ އައު ކެމްޕަސްތަކެއް ހުޅުވާ، މޯބައިލް ޓްރެއިނިންގ ސެޓަޕްތަކެއް ޤާއިމުކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން އައު ކެމްޕަސްތަކެއް ހުޅުވުމައް ނިންމާފައިވާއިރު، ޕޮލިޓެކްނިކުން މިހާރުވެސް 4 ކެމްޕަސް އާއި 3 ލަރނިންގ ސެންޓަރދަނީ ހިންގަމުންނެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ހިއްސާކުރައްވަމުން ޕޮލިޓެކްނިކްގެ ސީއީއޯ އަހުމަދު ނަސީރުވަނީ، އައު ސަރުކާރު ހަވާލުވިއިރު ޕޮލިޓެކްނިކް އޮތް ޙާލަތަށް އަލިއަޅުއްވާލައްވާފައެވެ. ސްކިލް އެޑިއުކޭޝަން ރާއްޖެއަށް ތަޢާރަފްކޮށް ހިލޭ ކޯސްތައް ހިންގާދޭ ޕޮލިޓެކްނިކްގެ ކެމްޕަސްތަކުގައި އޭރު މަދު ކޯހެއް ނޫނީ ނުހިންގޭ އިރު، ކޯސްތަކުގެ ފެންވަރު ދައްވެފައިވާކަން ނާސިރު ފާހަގަކުރެއްވިއެވެ.

ޕޮލިޓެކްނިކްގެ މިޙާލަތު ބަދަލުކުރުމަށް ވޭތުވެ ދިޔަ އަހަރު އެޑިއުކޭޝަން އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާ ނާސިރު ވަނީ، މިއަދު ޕޮލިޓެކްނިކުން ދަސްވެނިވާ ކޮންމެ ކުއްޖަކަށްވެސް ވަޒީފާ ކަށަވަރުވެފައިވާކަމަށެވެ. މިކަން ޙާސިލްކުރެވުނީ ޕޮލިޓެކްނިކާއި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު އޮތް ގުޅުން ވަރުގަދަކުރަން ކުރި ކާމިޔާބު މަސައްކަތުގެ ސަބަބުންކަން ނާސިރު ފާހަގަކުރެއްވިއެވެ.

ޕޮލިޓެކްނިކްގެ މަސައްކަތް ފުޅާކުރުމަށް އަންނަ މަހުގެ ތެރޭގައި އިތުރު 2 ކެމްޕަސް ހުޅުވުމަށް ނިންމާފައިވާކަން ނަސީރު ވަނީ ހާމަކުރައްވާފައެވެ. އެގޮތުން އާބާދީގެ ބޮޑުމިނަށް ބެލުމަށްފަހު ފުވައްލައް ސިޓީއާއި ގދ. ގައްދޫގައި ކެމްޕަސް ހުޅުވުމަށް ވަނީ ނިންމާފައެވެ. ނާސިރުވަނީ ކުދި އާބާދީތަކަށް ޚާއްސަކޮށްގެން ޓްރެއިނިންގ ހިންގުމުގައި މޯބައިލް ސެޓަޕްތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް ހާމަކުރައްވާފައެވެ.

"ޕޮލިޓެކްނިކްގެ މަސައްކަތް ފުޅާކުރުމަށް އަންނަ މަހުގެ ތެރޭގައި އިތުރު 2 ކެމްޕަސް ހުޅުވުމަށް ނިންމާފައި. އެގޮތުން އާބާދީގެ ބޮޑުމިނަށް ބެލުމަށްފަހު ފުވައްލައް ސިޓީއާއި ގދ. ގައްދޫ ކެމްޕަސް ހުޅުވުމަށް ވަނީ ނިންމާފައި. ކޮންމެ ރަށެއްގައި ކެމްޕަސް ހުޅުވުމަކަށް ނޫން އަޅުގަނޑުމެން އަމާޒުކުރަނީކީއެއް. އެގޮތުން ކުދި އާބާދީތަކަށް ޚާއްސަކޮށްގެން ޓްރެއިނިންގ ހިންގުމުގައި މޯބައިލް ސެޓަޕްތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ." ނާސިރު ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން އައު ކެމްޕަސްތައް ހުޅުވާ، ޕޮލިޓެކްނިކްގެ މަސައްކަތްތައް ފުޅާކުރުމަށް މަސައްކަތްކުރަމުންދާއިރު، ވަޒީފާގެ ބާޒާރަށް ދިވެހިން ނެރުމަށް މިއަހަރުގެ ތެރޭ 10 ކޯހެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ މިޕްރޮގްރާމްގައި މިއަހަރުގެ ޖެނުއަރީ އާއި ފެބްރުއަރީމަހު ރާއްޖޭގެ ހަތަރު ރަށެއްގައި ސެޓްފިކެޓް ލެވެލް 3 އަދި ސެޓްފިކެޓް ލެވެލް 4ގެ ކޯސްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކުން މިއަހަރު 4 ހާސް ކުދިން ތަމްރީންކުރުމަށް ވަނީ އަމާޒު ހިފާފައެވެ.