ޚަބަރު

ޓްރެފިކް ފުލުހުން މަދުކޮށް، ޓްރެފިކް ޤަވާޢިދުތަކަށް ބަދަލުގެންނަނީ


ޓްރެފިކް މައްސަލަތަކަށް ހައްލުހޯދުމަށް ގިނަ އަދަދެއްގެ ޓްރެފިކް ފުލުހުން މިހާރުވެސް ހަރަކާތްތެރިވާއިރު، މިކަން ބަދަލުކޮށް ޤަވާޢިދަށް އަވަސް ބަދަލުތަކެއް ބޭނުންވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިފަދައިން ވިދާޅުފައި މިވަނީ، ވޭތުވެ ދިޔަ އަހަރުގެ ޓްރެފިކް މައްސަލަތައް އާންމުކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ.

2019 ވަނަ އަހަރުގެ ޓްރެފިކް މައްސަލަތަކުގެ ތަފާސް ހިސާބުތައް ހާމަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓުވީޓްގައި ހާމަކުރައްވާފައިވާ ގޮތުން ރާއްޖޭގެ ޓްރެފިކްގެ މައްސަލަތައް މިހާރު އޮތީ ކަންބޮޑުވާ މިންވަރެއްގައެވެ. މި މައްސަލަތައް ހައްލުކުރުމަށް ގިނަ އަދަދެއްގެ ޓްރެފިކް ފުލުހުން ހަރަކާތްތެރިވާއިރު މިކަމަށް އަވަސް އަދި ހަރުދަނާ ބަދަލުތަކަކާއި، ހައްލެއްބޭނުންވާކަން ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ.

މި މައްސަލައަށް ހައްލުހޯދުމުގެ ގޮތުން މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިކަމުގައި ޒިންމާވާ މުޢައްސަސާތަކާއި ވުޒާރާތައް އެއް މޭޒަކަށް އައިސް މަޝްވަރާކުރުމަށް ނިންމާފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ދަށުން ޓްރެފިކްގެ ޤަވާޢިދުތައް ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާކަން ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ކުރެއްވި ޓުވީޓް

2019 ވަނަ އަހަރުގެ ޓްރެފިކް މައްސަލަތަކުގެ ތަފާސް ހިސާބުތައް ކޮމިޝަނަރ އޮފް ޕޮލިސް އާންމުކުރައްވާފައިވާއިރު، ފުލުހުން އެންމެ ގިނައިން ބަލާފައި ވަނީ ޤަވާޢިދާ ޚިލާފަށް ޕާކް ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިދިޔަ އަހަރު ޖުމުލަ 36،963 އުޅަނދުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާފައިވާއިރު، 2840 އުޅަނދެއް ފުލުހުން ވަނީ ޓޯކޮށްފައެވެ.

ދެވަނައަށް އެންމެ ގިނައިން ބަލާފައިވަނީ ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވުމުގެ މައްސަލައެވެ. އެފަދަ 12 ހާހަށް ވުރެ ގިނަ މައްސަލަވަނީ ބަލާފައެވެ. މީގެތެރޭގައި ހުއްދަލިބިފައިނުވާ ގިންތިތަކުގެ އުޅަނދު ދުއްވުމުގެ 7589 މައްސަލައާއި، ލައިސަންސް ނެތި ނުވަތަ ހިފަހައްޓާފައިވަނިކޮށް ނުވަތަ މުއްދަތުހަމަވެފައިވަނިކޮށް ދުއްވުމުގެ 5111މައްސަލަ ވަނީ ހުށަހަޅާފައެވެ.

ސިނަމާލެ ބްރިޖް އަދި ހައިވޭގައި މިދިޔަ އަހަރުވަނީ ހެލްމެޓް އެޅުން މަޖުބޫރުކޮށްފައެވެ. މިދިޔައަހަރުގެ ތަފާސް ހިސާބުތަކުގައި ހެލްމެޓް އެޅުމުގެ ގިނަ މައްސަލަތަކެއް ވަނީ ރިކޯޑް ކުރެވިފައެވެ. އެގޮތުން ހެލްމެޓް ނާޅާ ދުއްވި 118 މައްސަލަ ފުލުހުން ބަލާފައިވާއިރު، ޤަވާޢިދާ ޚިލާފު ހެލްމެޓް ބޭނުންކުރުމުގެ 1219 މައްސަލަ ވަނީ ރިކޯޑްކޮށްފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާފައިވާއިރު، މި އެކްސިޑެންޓްތަކުގައި އޯވަރ ސްޕީޑިންގެ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ. 2019 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ކަނޑައެޅިފައިވާ ދުވެއްޔައްވުރެ ބާރަށް ދުއްވުމުގެ 2124 މައްސަލަ ވަނީ ރިކޯޑްކުރެވިފައެވެ.