ދުނިޔެ

އެއްބަސްވުމުގެ ކުރިން، ހައްލުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި


އީރާނުގެ ނިއުކްލިޔަރ މައްސަލާގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި އެގައުމާދެމެދު ދާއިމީ އެއްބަސްވުމަކަށް ދިޔުމުގެ ކުރިން ޙައްލުކުރަންޖެހޭ މައްސަލަތައް އަދިވެސް އެބަހުރިކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވެއްޖެއެވެ.އީރާނުގެ ނިއުކްލިޔަރ ވާހަކަތަކުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކުރުމަށްފަހު ކުރެއްވި ޓްވީޓެއްގައި ކެރީ ވިދާޅުވީ މިމައްސަލަތައް ޙައްލުނުކުރެވެނީސް އީރާނާއެކު ނިއުކްލިޔަރ ދާއިމީ އެއްބަސްވުމަކަށް ނުދެވޭނެކަމަށެވެ. އަނެއްކޮޅުން ޖެނީވާގައި ކުރިޔަށްދާ ނިއުކްލިޔަރ ވާހަކަތަކުގައި ބައިވެރިވާ އީރާނުގެ ވަފްދުންބުނީ ނިއުކްލިޔަރ ހުރިހާ މައްސަލައެއް ޙައްލުވަންދެން ވާހަކަތައް ކުރިޔަށް ގެންދަންޖެހޭ ކަމަށާ މިކަމަށް ސުންގަނޑި އެއްނެތް ކަމަށެވެ.ނަމަވެސް އީރާނުގެ ނިއުކްލިޔަރ ވާހަކަތަކުގެ ސުންގަނޑި އިއްޔެވަނީ މިމަހުގެ 13 ވާ ހޯމަދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.