ޚަބަރު

ރާއްޖޭގެ ކަނޑުފަޅުތަކުގައި ކުރާ ދިރާސާ ޕްރޮގްރާމް ފަށައިފި


ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ކުރާ ދިރާސާ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

މި ދިރާސާ ޕްރޮގްރާމަކީ ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ހިންގާ ދުރު ރާސްތާ މަޝްރޫޢެކެވެ. ރާއްޖޭގެ ކަނޑުފަޅުތަކުގައި މި ދިރާސާ ކުރުމުގެ ބޭނުމަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގާނީ ކަނޑުފަޅުގެ މާޙައުލާއި، އެ މާޙައުލުގެ ދިރުންތަކަށް ބުރޫ ނާރާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއިއެކުގައިކަން ކަށަވަރު ކުރުމަށެވެ.

މި ދިރާސާގައި އެއްކުރެވޭ މަޢުލޫމާތުގެ ޒަރިއްޔާއިން ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ކުރިޔަށްގެންދިޔުމުގެ އިތުރުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމަށް ސިޔާސަތު ކަނޑައެޅުމުގައި މި މަޢުލޫމާތު ބޭނުން ކުރެވޭނެއެވެ.

މިދިރާސާގެ އެންމެ ފުރަތަމަ ދަތުރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ވެއިޓް އިންސްޓިޓިއުޓްގެ އިތުރުން ސްކްރިޕްސް އިންސްޓިޓިއުޓް ފޮރ އޯޝަނޯގްރަފީގެ ސޭންޑިންގ ލެބާއި މިނިސްޓްރީ އޮފް ފިޝަރީޒްގެ ފަންނީ ބޭފުޅުންގެ އިތުރުން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ސައިންސްވެރިން ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ސައްބީސް ދުވަހުގެ މިދަތުރުގައި ރާއްޖޭގެ އުތުރާއި ދެކުނުގައިވާ ފަރުތަކުގެ ޙާލަތު ބަލައި، މަހުގެ އާބާދީ ވަޒަންކުރުން ފަދަ މުހިއްމު މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވެއެވެ. މި ދިރާސާގެ ސަބަބުން ކުރިޔަށްއޮތްތަނުގައި ރާއްޖޭގެ މަސްވެރިކަމާބެހޭ ސިޔާސަތު އެކުލަވާލުމާއި ކަނޑުތަކުގެ ދިރުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، އެފަދަ ކަންކަމުން ކުރިމަތިވާ ނުރައްކާ ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިވެދޭނެކަމަށް ރައީސް އޮފީހުންބުނެއެވެ.