ޚަބަރު

ސްކޫލްތައް ހުޅުވުމަށް ވާންޖެހޭ މުހިއްމު ހުރިހާކަމެއްވަނީ ނިމިފައި - އެޑިއުކޭޝަން މިނިސްޓްރީ


މިއަހަރުގެ ދިރާސީ އާއަހަރު ފެށޭއިރު މަރާމާތުކުރަންޖެހޭކަމަށް އެދި ހުށައެޅި ސްކޫލްތަކުގެ މަރާމާތުގެ ހުރިހާ މަސައްކަތް ނިމި ދިރާސީ އާއަހަރަށް ތައްޔާރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމިނިސްޓްރީން އަންނަނީ އާދިއްތަ ދުވަހު ސްކޫލްތައް ފެށުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ.

ކޮންމެ ދިރާސީ އާއަހަރެއްގެ ކިޔެވުން ފެށޭއިރު ބެލެނިވެރިންނާއި ކުދިންގެ ޝަކުވާ ގިނަވެއެވެ. ތަފާތު އެކި ސަބަބުތަކަށްޓަކައި ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަނުވުމާއި ފޮތްތައް ހަމަނުވުމުގެ މައްސަލައަކީ އަބަދުވެސް ދިވެހި ތަޢުލީމީ ނިޒާމުގައި ހުރި މައްސަލަތަކެވެ. އެހެންނަމަވެސް މިމައްސަލަތަކާއި މިހާރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢައިޝަތު ޢަލީ ކުރިމަތި ލެއްވީ ވަރަށް ސްޓްރެޓެޖިކްކޮށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ ތަޢުލީމީ އަހަރަށް އެމިނިސްޓްރީން ވަރަށް ދުރާލާ ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. އެގޮތުން ސްކޫލްތަކަށް ބޭނުންވާ އެކިކަހަލަ މަރާމާތުތައް ކޮންމެ އަހަރަކުވެސް ހުންނަކަމަށާއި، އެގޮތުން މިއަހަރުގެ މަރާމާތަށް ބޭނުންވި ސްކޫލްތަކަށް ފައިސާ ހަމަޖައްސާ އެފައިސާ ސްކޫލްތަކާ ޙަވާލުކޮށްގެން ސްކޫލްތަކުގެ މަރާމާތުގެ މަސައްކަތްވެސް ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭއިރު ސްކޫލްތަކުން އެދުނު މަރާމާތުގެ އެއްވެސް މަސައްކަތެއް ނުނިމުމުގެ މައްސަލައެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އެމިނިސްޓްރީ ވިދާޅުވެއެވެ.

ހަމައެއާއެކު ތަޢުލީމީ ނިޒާމުގައި އެންމެ ބޮޑު ބަދަލެއްގެ ގޮތުން މިއަހަރު ފެނިގެން ދިޔައީ ފޮތްތައް ބެހުމަށް ގެނައި ބަދަލެވެ. މީގެ ކުރިން ދުވަހަކުވެސް ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ދިރާސީ އަހަރުގެ ކިޔެވުން ނިމުމާއެކު ޙަވާލުކޮށްފައި ނުވެއެވެ. އެހެންނަމަވެސް މިކަން ބަދަލުކޮށް 2019 ވަނަ އަހަރުގެ ކިޔެވުން ނިމުމާއެކުވަނީ 2020 ވަނަ އަހަރުގެ ތަޢުލީމީ މަންހަޖުގައި ހިމެނޭ ފޮތްތައް ދަރިވަރުންނަށްވަނީ ބަހަން ފަށާފައެވެ. މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މިމަސައްކަތް ކުރިން ފެށުމުގެ ސަބަބުން ސްކޫލްތައް ފެށެންވާއިރަށް ފޮތްތައް ބެހުމުގައި ދިމާވާ ހުރިހާ މައްސަލަތަކެއްވެސްވަނީ ޙައްލުވެފައެވެ. ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރު ވިދާޅުވީ މިއީ ސްކޫލްތަކުގެ ހިންގުމަށް ގެނެވުނު އިސްލާޙީ މުހިއްމު ބަދަލެއްކަމަށެވެ. އަދި ދުރާލާ މިކަމަށް ތައްޔާރުވެފައިވުމުގެ ސަބަބުން ދިމާވި އެކި މައްސަލަ ޙައްލުކުރުމަށް އެކަށީގެންވާ ވަގުތު ލިބިފައިވާކަމަށެވެ.

މީއިތުރުންވެސް ސްކޫލްތައް ފެށޭއިރު ދިމާވާ އެންމެ ބޮޑު އެއް މައްސަލަކީ ސްކޫލްތައް ހިންގާނެ ފަރާތްތައް ހަމަނުވުމުގެ މައްސަލައެވެ. އެހެންނަމަވެސް މިމައްސަލަވެސް މިއަހަރު ދިމާނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެޑިއުކޭޝަނުންވަނީ ދެއްވާފައެވެ. އެގޮތުން މިހާރު ސްކޫލްތަކަށް ބޭނުންވާ ހުރިހާ ޕްރިންސިޕަލުންނާއި ސްކޫލް ހިންގާ ފަރާތްތައް ހަމަވެފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. ދިރާސީ އާއަހަރުގެ ކިޔެވުން ފެށޭއިރު އެހެން އަހަރުތަކުގައި ބެލެނިވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައިވާ ޓީޗަރުން ހަމަނުވުމުގެ މައްސަލަވެސް މިއަހަރު އެޑިއުކޭޝަނުންވަނީ ހައްލުކޮށްފައެވެ. އެގޮތުން ސްކޫލްތަކަށް ބޭނުންވެގެން ރިކުއެސްޓްކުރި ހުރިހާ ޓީޗަރުން ހޯދާދީފައިވާކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. އަދި އަލަށް މިއަހަރު ސްކޫލްތަކާއި ގުޅޭ ޓީޗަރުންނަށް ބޭނުންވާ އޮރިއެންޓޭޝަން ޕްރޮގްރާމްތައް މިހާރު އެމިނިސްޓްރީން އަންނަނީ ހިންގަމުންނެވެ.