ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައްބަލާ ކޮމިޝަނަށް، މަރުހޫމް ޑރ.އަފްރާޝީމް އަލީގެ މަރާ ގުޅިގެން، ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްސަލަ ތަޙްޤީގު ކުރުމަށް ހުށަހަޅާފައިވާތީ އެމައްސަލަ ތަޙްޤީގު ކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.
ޑރ.އަފްރާޝީމްގެ މަރާއި ގުޅިގެން ޑރ.ޝަހީމްގެ މައްޗަށް ދައުވާކުރަން ފޮނުވުމުން އެމައްސަލަ އިތުރަށް ތަޙްޤީގުކުރުމަށް ޕީޖީ އެދިފައިވާތީ ކޮމިޝަނުންވަނީ އެމައްސަލަ ތަޙްޤީގުކުރުމަށް ފުލުހުންނަށް ހުށައަޅާފައެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މަރާލާފައިވާ މީހުންގެ މައްސަލަތައްބަލާ ކޮމިޝަނުން ހުށަހަޅާފައިވާ މިމައްސަލަ ފުލުހުން ތަޙްޤީގުކުރަމުންދާކަމަށެވެ. ނަމަވެސް ތަޙްޤީގުކުރިއަށްދާ މައްސަލައަކަށްވާތީ މައްސަލައިގެ އިތުރުތަފްސީލު ފުލުހުން ހާމަކޮށްފައެއްނުވެއެވެ.
ޑރ.އަފްރާޝީމް ޢަލީގެ މަރާ ގުޅޭގޮތުން މަރާލާފައިވާ މީހުންގެ މައްސަލަތައްބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ޝަހީމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އެގޮތުން ކޮމިޝަނަށް ޝަހީމް ދެއްވާފައިވަނީ ދޮގު ބަޔާނެއް ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކޮމިޝަނަށް ޑރ.ޝަހީމް ދެއްވާފައިވާ ބަޔާން އިތުރަށް ތަޙްޤީގުކުރަން ފުލުހުންނަށް ހުށައެޅުމުން ޝަހީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމިޝަނުގެ ރިޕޯޓްގެ މައްޗަށް ބިނާކޮށް އޭނާ އަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ބާތިލުވާނެ ކަމަށް މިހާރު ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ކޮމިޝަނުން ޑރ.އަފްރާޝީމްގެ މައްސަލަ ގެންދާގޮތުން ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ޖިނާއީ ތަޙްޤީގެއް ހިންގަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ޝަހީމް ވިދާޅުވެފައިވެއެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައިގައި ދޮގު މަޢުލޫމާތުތަކެއް ދީފައިވާކަމަށް ބުނެ ޝަހީމްގެ މައްޗަށް ކުރާ ދައުވާގެ ތަޙްޤީގުފުރިހަމަ ކުރުމަށް ފުލުހުންނަށް ފޮނުވާފައިވާއިރު، އެ މައްސަލައިގައި ދައުވާކުރަން ފޮނުވުނު މުހައްމަދު މަޒީދު އާއި ސާމިތު މުހައްމަދުގެ މައްސަލައިގެ ތަހުގީގުވެސް އިތުރަށް ފުރިހަމަ ކުރުމަށް ޕީޖީ އޮފީހުންވަނީ މަރާލާފައިވާ މީހުންގެ މައްސަލަތައްބަލާ ކޮމިޝަނަށް ފޮނުވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީ ރަހުމުކުޑަ ގޮތަކަށް އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 2 ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު، އޭނާ ދިރިއުޅުއްވާ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ.