ޚަބަރު

ރާއްޖޭގެ ކަނޑުތަކާއި ގުޅޭ ދިރާސާތައް ކުރަން ފަށައިފި


ރާއްޖޭގައި ނޫ އިޤްތިޞާދެއް ބިނާކޮށް ކުރިއެރުވުމަށާއި ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ކަނޑުތަކާއި ގުޅޭ ދިރާސާތައް ކުރަން ފަށައިފިއެވެ. މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ކުރިއަށް ގެންދާ އެކްސްޕެޑިޝަން ސިލްސިލާގެ ފުރަތަމަ އެކްސްޕެޑިޝަން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަހީދުއެވެ.

މި އެކްސްޕެޑިޝަން ފައްޓަވައިދެއްވުމަށްފަހު މިނިސްޓަރ ވަނީ އެކްސްޕެޑިޝަން ކުރިއަށްދާ ކާޕޭ ޑިއެމް ބޯޓަށް ޒިޔާރަތްކުރައްވައި ދަތުރުގެ ބައިވެރިންނާއި ބައްދަލުކުރައްވާފައެވެ.

ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ނޫ އިޤްތިޞާދެއް ބިނާކޮށް ކުރިއެރުވުމަށް އެހީވެ މި ސިޔާސަތަށް ބޭނުންވާ މެރިން ސްޕެޝަލް ޕްލޭނެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މިސްޕެޝަލް ޕްލޭން ވެގެންދާނީ ރާއްޖޭގައި ތިމާވެއްޓާއި ރައްޓެހި، ތަރައްޤީގެ ނޫ ސިޔާސަތުތަކެއް އެކުލަވާލުމަށް މުހިންމު ދައުރެއް އަދާކުރާނެ ޕްލޭނަކަށް ކަމަށް ފިޝަރީސް މިނިސްޓްރީން ވިދާޅުވެއެވެ. މެރިން ސްޕެޝަލް ޕްލޭނިން އަކީ ކަނޑުތަކުގައި އެކުލެވޭ ގުދުރަތީ ވަސީލަތްތަކާއި، މި ވަސީލަތްތައް ބޭނުންކުރާ ގޮތްތަކަށް ރިއާޔަތްކޮށް، ކަނޑުތައް މެނޭޖްކުރުމަށް އެކުލަވާލެވޭ ތަފްސީލީ ޕްލޭނެކެވެ.

26 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕެޑިޝަންގައި، ރާއްޖޭ ހުރިހާ އަތޮޅެއް ތަމްސީލުވާގޮތަށް ފުޅާ ދާއިރާއެއްގައި ދިރާސާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ދަށުން އިތުރު އެކްސްޕެޑިޝަންތައް ރާވައި ރާއްޖޭގެ އުތުރާއި ދެކުނުން، ފުން ކަނޑުތަކާއި ތިލަ ފަރުފަޅުތަކުން މުހިންމު މައުލޫމާތުތަކެއް މި އަހަރުގެ އެކި ދުވަސްވަރު ނެގުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މައުލޫމާތުގެ އަލީގައި އެކުލަވާލެވޭ މެރިން ސްޕެޝަލް ޕްލޭން، ރާއްޖޭގައި ނޫ އިޤްތިޞާދެއް ދެމެހެއްޓުމަށް ބޭނުންވާސިޔާސަތުތައް ކަނޑައެޅުމަށް ވަރަށް ބޮޑަށް އެހީވެގެންދާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

އެކްސްޕެޑިޝަން ކުރިއަށްދާ ކާޕޭ ޑިއެމް ބޯޓަށް ޒިޔާރަތްކުރައްވައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ މި އެކްސްޕެޑިޝަންގެ ފުރަތަމަ ސިލްސިލާ ނިމުމުން ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭ މީގެ އިތުރު 2 އެކްސްޕެޑިޝަން ހަދާނެކަމަށެވެ. ރާއްޖޭގެ ކަނޑުފަޅުތައް ރައްކާތެރިކުރުމަށް ދިވެހި ޒުވާނުން މިހާރަށްވުރެ ބޮޑަށް ނުކުމެ އެކަން ދެނެގަތުމަށް ގޮވާލާ މިނިސްޓަރ ވަނީ މި ދިރާސާތަކުގެ އަލީގައި ރާއްޖޭގެ ކަނޑުފަޅުތަކާ ގުޅޭ އާ މަޢުލޫމާތުތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.

މި އެކްސްޕެޑިޝަންތަކުގައި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގައި ބައިވެރިވާ ސައިންވެރިންނާއި، އެމް.އެމް.އާރް.އައިގެ މުވައްޒަފުންގެ އިތުރުން ރާއްޖޭގައި ތިމާވެށްޓާއި، ކަނޑުތަކުގެ ދިރާސާކުރުމުގެ ރޮނގުން ހަރަކާތްތެރިވާ ބައެއް ޖަމްޢިއްޔާތަކުން ބައިވެރިވެއެވެ.

ދިވެހިރާއްޖެއިން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގައި ބައިވެރިވެފައި ވަނީ، އ.ދ. ގެ 74 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ދިވެހި ސަރުކާރާއި އެކޯލިޝަނާއި ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ.

ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަނަކީ ޔުނިވަރސިޓީތަކާއި، ފައުންޑޭޝަންތަކާއި އެހެން ޖަމްޢިއްޔާތައް ގުޅިގެން، އެއްބާރުލުންދޭ ގައުމުތަކާއިއެކު މެރިން ސްޕެޝަލް ޕްލޭންތައް އެކުލަވާލުމަށާއި، ސައިންޓިފިކް ދިރާސާތަކުގެ އަލީގައި މުހިންމު މާހައުލުތައް ހިމާޔަތްކުރުމާއިއެކު ދެމެހެއްޓެނިވިގޮތެއްގައި ކަނޑުތަކުގެ މާހައުލަށް ބަރޯސާވާ އިޤްތިޞާދީ މަސައްކަތްތައް ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ.

މިކޯލިޝަންގައި ބައިވެރިންގެ ތެރޭގައި ވެއިޓް އިންސްޓިޓިއުޓާއި، ވެއިޓް ފައުންޑޭޝަން އަދި ސްކްރިޕްސް އިންޓިޓިއުޓް އޮފް އޯޝަނޯގްރަފީ، ނެކްޓަން ޑީޕް އޯޝަން އެކްސްޕްލޮރޭޝަން، ނެޝަނަލް ޖިއޯގްރަފިކްގެ ޕްރިސްޓީން ސީސްގެ އިތުރުންވެސް މި ދާއިރާއިން މަސައްކަތްކުރާ ތަފާތު ޖަމާޢަތްތައް ހިމެނެއެވެ.