ޚަބަރު

ކައްޕި ގެއްލުނުކަމަށް ބުނާ ސަރަހައްދުން ކޮތަޅަކަށްލައި ބަންދުކޮށްފައި އޮތް ވަޅި އަކާއި ފޯނެއް ފެނިއްޖެ


ކ ކަގި ފަރަށް އަރާފައިވާ، ޓީޓީއެސް ފާން ދޯނިން ގެއްލިފައިވާ އެދޯނީގެ ކެޕްޓަން މުހައްމަދު ޔޫސުފް ހޯދުމަށް އެސަރަހައްދަށް ފީނަމުން ދިޔަ ކޯސްޓްގާޑުގެ ޑައިވަރުންނަށް، އެސަރަހައްދުން ޑަސްބިން ކޮތަޅަކަށް ލާފައި އޮތް ވަޅި އަކާއި، ފޯނެއްގެ ބައިތަކާއި އަދި ބައެއް އެހެން ތަކެތި ފެނިއްޖެއެވެ.

އެމްއެންޑިއެފުން ވިދާޅުވީ މިތަކެތި ފެނިފައި ވަނީ އެސަރަހައްދުގެ ކަނޑުގެ 40 މީޓަރަށް ވުރެ ފުނުން ކަމަށެވެ.

މިގޮތުން ޑަސްބިން ކޮތަޅަކަށް ލައި ބަންދުކޮށްފައި އޮތް ވަޅި އާއި ފޯނެއް އަދި އެހެން ބައެއް އިލެކްޓްރޯނިކް ސާމާނު ފެނިފައި ވަނީ، 41 މީޓަރުން ފުނުންނެވެ. އަދި 48 މީޓަރު ފުނުން ތުވާލި ގަނޑެއްވެސް ޑައިވަރުންނަށް ފެނިފައިވާ ކަމުގައި އެމްއެންޑިއެފުގެ މީޑިއާ އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވިއެވެ.

އެތުވާލި ގަނޑުގައި ހުރީ ލޭގެ އަސަރުކަމަށް ލަފާ ކުރެވޭ އިރު، އާޒިމް ވިދާޅުވީ، ފެނުނު ތަކެތި ތަހުޤީޤުގެ ބޭނުމަށް ފުލުންނާއި ހަވާލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ.

ޓީޓީއެސް ފާން ދޯނި، ކ ކަގި ފަރަށް އަރާފައި ވަނީ، މިދިޔަ އާދީއްތަ ދުވަހުގައި ކަމަށް، އެދޯނީގެ ފަޅުވެރިން ބުނެފައި ވާއިރު، އެދޯނީގެ ކެޕްޓަން ކުޅުދުއްފުށީ ހަވީރީނާޒް، މުޙައްމަދު ޔޫސުފް (37އ) ގެއްލުނުކަން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު އެވެ.

އެހާދިސާ އާއި ގުޅޭ ގޮތުން ސުވާލުތަކެއް އުފެދިފައި ވާއިރު، އެމައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މުހައްމަދު ޔޫސުފު ހޯދުމުގެ މަސައްކަތް ހުއްޓައި ނުލައި ކުރިއަށްގެންދާ ކަމަށެވެ. އަދި މިއަދުވެސް އެސަރަހައްދަށް ކޯސްޓްގާޑުގެ ޑައިވަރުން ފީނަމުން ދާއިރު، ވައިގެ މަގުންވެސް އެސަރަހައްދުގެ ކަނޑުގެ ސަތަޙަ ކޯސްޓް ގާޑުން ގެންދަނީ ބަަލަމުންނެވެ.

"ޓީޓީއެސް ފާން" ދޯނީގެ ކެޕްޓަން މުހައްމަދު ޔޫސުފް ހޯދުމަށް އެސަރަހައްދަށް ފީނަމުން ގެންދިޔަ ކޯސްޓް ގާޑުގެ ޑައިވަރުންނަށް އެސަރަހައްދުން މީގެ ކުރިން ވަނީ، ބޮކްސާ ވައްތަރުގެ ސޯޓަކާއި، މޫނުމައްޗެއް ވެސް ފެނިފައެވެ.

މުހައްމަދު ޔޫސުފުގެ ފޯނާއި ދަބަސް ޓީޓީއެސް ފާން ދޯނީގައި ހުރި ކަމަށް އާއިލާއަށްވެސް މީގެ ކުރިން މައުލޫމާތު ދީފައިވެއެވެ.