ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާއިރު ސަރުކާރު ސްކޫލްތަކަށް ބޭނުންވާ ހުރިހާ ޓީޗަރުން މިހާރު ހަމަވެފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކުރައްވައިފިއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ފާތުމަތު ނަސީރު ވިދާޅުވީ ދިރާސީ އާއަހަރަށް މިނިސްޓްރީން ތައްޔާރުވެފައިވާކަމަށެވެ.
އޭރިޕޯޓަކާއެކު 2019 ވަނަ އަހަރުގެ ދިރާސީ އާއަހަރު އެޑިއުކޭޝަނާއި ސްކޫލްތަކުން ނިންމާލީ ވަރަށް ކާމިޔާބުކަމާއެކުގައެވެ. އެއަށްފަހު 2020 ވަނަ އަހަރަށް ވާންޖެހޭ ތައްޔާރީތަކުގެތެރެއިން އެހެން އަހަރުތަކުގައި އެންމެ ބޮޑު މައްސަލަތަކެއް ދިމާވާ ފޮތްތަކުގެ މައްސަލަވެސް ނިންމާ ތަޢުލީމީ ދާއިރާ ޗުއްޓީއަށްދިޔައީ ވަރަށް ހަމަޖެހިގެންނެވެ. ސްކޫލްތައް ހުޅުވުމަށް ވަގުތު ކުޑަތަން ވެފައިވާއިރު އެހެން އަހަރުތަކުގައި އެންމެ ބޮޑު އެއްމަސަލައިގެ ގޮތުގައި ދިމާވާ ސްކޫލްތަކަށް ޓީޗަރުން ހަމަވުމާއި ގުޅޭގޮތުންވެސް އެޑިއުކޭޝަނުން މިހާތަނަށްއެއްވެސް އެއްޗެއް ހާމައެއްނުކުރައްވައެވެ. އެހެން ނަމަވެސް ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ފާތުމަތު ނަސީރު ވިދާޅުވީ ސްކޫލްތަކާއި އަލަށް ގުޅުނު ބިދޭސީ ޓީޗަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމްތައް މިހާރު ހިންގަމުންދާކަމަށެވެ.
މިއަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކުރައްވަމުން އެޑިއުކޭޝަނުންވަނީ ތަޢުލީމީ ދާއިރާއާއި ގުޅުންހުރި ބައެއް ތަފާސްހިސާބު ޢާއްމުކުރައްވާފައެވެ.
އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މިއަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުންފަށާނީ ހަތްދިހަ ތިންހާސް ފަސްދޮޅަސްހަތް ދަރިވަރުންނާއެކުގައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 32 ދަރިވަރުން އިތުރު އަދަދެކެވެ.
ސަރުކާރުން އަލަށް ހުޅުވާ އިއްޒުއްދީން ސްކޫލާއެކު މިއަހަރު ކިޔަވައިދޭނީ ސަރުކާރުގެ 212 ސްކޫލުގައެވެ. މީގެތެރެއިން އެއްދަންފަޅިއަށް 150 ސްކޫލް ހިނގާނެކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. މީގެއިތުރުން ސަރުކާރުން އަންނަ އަހަރު 170 ޕްރީސްކޫލްގައި ކިޔަވައިދޭނެއެވެ. އަންނަ އަހަރު ރާއްޖޭގެ 193 ސްކޫލެއްގައި އޯލެވެލް ހަދާނެ ކަމަށާއި 50 ސްކޫލެއްގައި އޭލެވެލް ހަދާނެ ކަމަށް މަޢުލޫމާތުލިބިފައިވޭ.
މިދިޔަ އަހަރުތެރޭ ސަރުކާރުންވަނީ އައްޑޫ ސިޓީ ހުޅުދޫ ސްކޫލާއި އެއަތޮޅު ޝަމްސުއްދީން ސްކޫލް އުވާލާ އެދެ ސްކޫލްގެ ދަރިވަރުން ސ.އަތޮޅު ތަޢުލީމީ މަރުކަޒަށް ބަދަލުކޮށްފައެވެ.