ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލޭ ހޮސްޕިޓަލުގައި ތަރައްޤީކުރި ލޮލުގެ ފަރުވާދޭ ޚާއްސަ ސެންޓަރުގައި ފުރަތަމަފަހަރަށް ލޮލުގެ ސަރޖަރީތައް ހަދަންފަށައިފިއެވެ. އެސެންޓަރުން ލޮލުގެ ސަރޖަރީ ހަދަން ފެށިކަން ހާމަކުރައްވާފައިވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުރެއްވި ޓުވީޓަކުންނެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލޭ ހޮސްޕިޓަލުގައި ލޮލުގެ ފަރުވާދޭ ސެންޓަރެއް ޤާއިމުކޮށް ހުޅުވުމަށް އަންނީ ތައްޔާރުވަމުންނެވެ. މިސެންޓަރު ޤާއިމުކުރުމަށްފަހު އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ ޗައިނާ ސަރުކާރުން ސިލްސިލާކޮށް ރާއްޖޭގައި ބާއްވަމުން އަންނަ ލޮލުގެ ކޭމްޕެވެ. ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ ކޭމްޕު މިމަހުގެ 8 ވަނަ ދުވަހުންފެށިގެން 11 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދަން ނިންމާފައިވާކަމަށާއި ލޮލުގެ ފަރުވާ ދޭ ސެންޓަރުގައި ކުރި ފުރަތަމަ ސަރޖަރީއަކީ މިކޭމްޕުގައި ސްކްރީންކުރި މީހުންކަމަށެވެ. ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ ފުރަތަމަ ދުވަހު އެކަނިވެސް 30 މީހުންގެ ލޮލުގެ އެކިކަހަލަ ސަރޖަރީތައް ހަދާފައިވާ ކަމަށެވެ.
ފުރަތަމަ ފަހަރަށް ހުޅުމާލޭ ލޮލުގެ ސެންޓަރުގައި ކުރި ސަރޖަރީގެ ކާމިޔާބީ ފާހަގަކުރައްވާ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ނުރަސްމީކޮށް ސެންޓަރުގެ ޚިދުމަތް ފެށިފައިވާކަމަށާއި ފަރުވާ ހޯދި ޕޭޝަންޓުން ހިތްހަމަޖެހުން ފާޅުކޮށްފައިވާކަމުގެ މައުލޫމާތު މިސަރޖަރީތައް ކުރެއްވި ޑރ. ޗެންގެ ފަރާތުން ލިބިވަޑައިގެންފައިވާކަމަށެވެ. ޑރ. ޗެންއަކީ މިދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޑޮކްޓަރެކެވެ.
ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ރާއްޖޭގައި މީގެ ކުރިންވެސްވަނީ ލޮލުގެ ފަރުވާ ދިނުމުގެ ކޭމްޕުތައް ބާއްވާފައެވެ. މިކޭމްޕުތަކުގައި ގިނަބަޔަކަށް ފަރުވާދީފައިވާކަން ފާހަގަކުރެވެއެވެ.
ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ޗައިނާއާއި އެކުވެފައިވާ އެއްބަސްވުމުގެދަށުން ތަރައްޤީކުރި ލޮލުގެ ސެންޓަރު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.