ޚަބަރު

މަރުކޮމިޝަނުން ބެލި މައްސަލަތަަކުގައި އަލުން ދަޢުވާކޮށްދޭން ޕީޖީއަށް ހުށަހަޅަނީ


ޑރ.އަފްރާޝިމް ޢަލީއާއި ނޫސްވެރިޔާ އަޙްމަދު ރިޟުވާނާއި ބްލޮގަރ ޔާމީން ރަޝީދު މަރާލަން ރާވާ އެކަން ކުރުވިކަމަށް ތުހުތުކުރެވޭ މީހުންގެ މައްޗަށް ދަޢުވާކުރުމަށް، ޕީޖީ އޮފީހުން ފާހަގަކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމަށްފަހު އެފަރާތްތަކާމެދު ދައުވާކުރަން ވަރަށް އަވަހަށް ފޮނުވާނެކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މެންބަރަކު ވިދާޅުވީ ދައުވާކޮށްދިނުމަށް އެ ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވި 3 މައްސަލައިގައި ތަޙްޤީޤުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ހުރިކަމަށް ޕީޖީ އޮފީހުން ފާހަގަކޮށްފައިވާކަމަށެވެ.

އެކޮމިޝަނުން މިހާރު ކުރަމުންދަނީ ޕީޖީ އޮފީހުން ފާހަގަކޮށްފައިވާ ކަންކަން އިތުރަށް ދިރާސާކޮށް ދައުވާކުރެވޭ މިންވަރަށް މައްސަލަތައް ފުރިހަމަކުރުމުގެ މަސައްކަތެވެ. މިމަސައްކަތް ވަރަށް އަވަހަށް ނިންމައި ޑރ.އަފްރާޝިމް ޢަލީ އާއި ނޫސްވެރިޔާ އަޙްމަދު ރިޟުވާނާއި ބްލޮގަރ ޔާމީން ރަޝީދު މަރާލަން ރާވައި އެކަންކުރުވިކަމަށް ތުހުތުކުރެވޭ މީހުންގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވޭނެކަމަށް މަރުކޮމިޝަނުން ވިދާޅުވިއެވެ.

މިމައްސަލަތަކުގައި މަރު ކޮމިޝަނުން ދަޢުވާކުރުމަށް އެދިފައިވަނީ މުޙައްމަދު މަޒީދާއި، ސާމިތު މުޙައްމަދުގެ މައްޗަށެވެ. އަދި ޑރ.އަފްރާޝީމްގެ މަރުގެ ތަހްގީގަށް ދޮގު މަޢުލޫމާތުދީ ތަހްޤީޤަށް ހުރަސް އެޅުއްވިކަމުގެ ތުހްމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ މައްޗަށްވެސް ދައުވާ ކޮށްދިނުމަށް އެދިފައިވެއެވެ.

ޤާނޫނީ ގޮތުން މިމައްސަލަތަކުގެ ތަޙްޤީޤުގަށް އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރައްވައި މަރު ކޮމިޝަނުން ފޮނުވި މައްސަލަތައް އަބުރާ ފޮނުވާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.