ވިޔަފާރި

"ޖަންގޯ ގާލްސް"ގެ ވޯކްޝޮޕެއް ރާއްޖޭގައި!


ވެބް ޑިވެލޮޕްކުރުމުގެ ދާއިރާގައި ކުރިޔަށްދާން ބޭނުންވާ އަންހެނުންނަށް އަމާޒުކޮށް ރާއްޖޭގައި "ޖަންގޯ ގާލްސް" ވޯކްޝޮޕެއް ބާއްވަން ނިންމައިފިއެވެ.

މި ވޯކްޝޮޕަކީ ޕޮލެންޑުގެ ޖަންގޯ ގާލްސް އާއި ގުޅިގެން ރާއްޖޭގެ ވިމެން އިން ޓެކް މޯލްޑިވްސްއިން ކުރިޔަށްގެންދާ ވޯކްޝޮޕެކެވެ. މިހަރަކާތުގައި ދިރާގުންވެސް ބައިވެރިވެއެވެ. މާލޭގައި ބާއްވާ މިވޯކްޝޮޕް ކުރިޔަށްދަނީ މިމަހުގެ 17 ވަނަ ދުވަހުން 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހިލޭ ބައިވެރިވެވޭ މިވޯކްޝޮޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޖަންގޯ ގާލްސްގެ ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓްރީކުރުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

މިހަރަކާތް އިންތިޒާމްކުރާ ފަރާތްތަކުން ބުނީ މިއީ ވެބްސައިޓް ޑިވެލޮޕްކުރުމަށް ޝައުޤުވެރިވާ، ނަމަވެސް އެއްވެސް ޓްރެއިނިންއެއް ލިބިފައިނުވާ އަންހެނުންނަށް ވެބް ޑިވެލޮޕްމަންޓް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ވޯކްޝޮޕެއްކަމަށެވެ.

ޖަންގޯ ގާލްސްއަކީ ޕޮލޭންޑްގެ ދެ އަންހެނަކު ވެގެން ވުޖޫދަށް ގެނެސްފައިވާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެކެވެ. މިޖަމުޢިއްޔާގެ މަޤްސަދުތަކުގެ ތެރޭގައި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށްޓަކާ އަންހެނުންނަށް މިފަދަ ކަންކަމާބެހޭ ތަމްރީން ފޯރުކޮށްދިިނުން ހިމެނެއެވެ.