ކުޅިވަރު

ލިސްޓުގެ ކުރިޔަށް ފުޓްބޯޅަ އަންނަނީ ރަށްޔިތުން އެގޮތަށް ބޭނުންވާތީ: މަހުލޫފް


ލިސްޓުގެ ކުރިޔަށް ފުޓްބޯޅަ އަންނަނީ ރަށްޔިތުން އެގޮތަށް ބޭނުންވާތީ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އެންޕަވަރމެންޓް އަޙުމަދު މަހްލޫފް މިހެން ވިދާޅުވީ މިދިޔަ އަހަރު ކުޅިވަރުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޙާއްސަ ޙަފްލާގައި ވާހަކަދައްކަމުންނެވެ.

ރަން އަހަރު ޙަފްލާގައި ވާހަކަ ދައްކަމުން ޔޫތު މިނިސްޓަރ އަޙުމަދު މަހުލޫފް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ރަނގަޅު ފެންވަރެއްގެ ކުޅިވަރު އިންފްރާސްޓްރަކްޗާއެއް ޤާއިމްކުރުން ކަމަށާއި އެކަމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކި ކުޅިވަރުތަކަށް އަމާޒުކުރެވިގެން ކުޅިވަރު ކުޅޭނެތަންތަން ތަރައްޤީކުރަމުންދާކަމަށެވެ.

މަހުލޫފް ވިދާޅުވީ ޔޫތު މިނިސްޓަރީއަށް މިއަދު އަމާޒުވާ އެންމެ ބޮޑު ފާޑު ކިޔުމަކީ ހަމައެކަނި ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑު އަޅާތީކަމަށާއި އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވާއިރު އެތަން ތަނުގެ ޙާލަތު ފެންނަކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެފަދަ ހާލަތްތަކުގައި ހުރިތަންތަން ހެދިގެން ދިޔުމަކީ ދެ ޖިންސުގެ ޒުވާނުނަށް ކުޅިވަރު ކުޅުމުގެ އިތުރުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމައްޓަކައި ކަސްރަތުކުރުން ފަދަ މުހިންމު ކަންތައް މަގުފަހިވެގެންދާކަމެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ރަށްރަށަށް ކުރާދަތުރުތަކުގައި ރަށު ކައުންސިލުންނާއި މަޖިލިސް މެންބަރުންނާއީ އެރަށެއްގެ ރައްޔަތުންގެ އެންމެ ބޮޑަށް ބޭނުންވެފަ އޮންނަނީ ފުޓްބޯޅަ ދަނޑެއް ނުވަތަ ފުޓްސެލް ދަނޑެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި ސަރަކާރު ދެމިއޮންނާނީ ރައްޔިތުން އެދޭގޮތައް ކަންތައްތައް ކުރުމަށް ކަމަށާއި އެގޮތުން އެންމެ ފުރަތަމަ އިސްކަމެއް ދެއްވާނީ ރައްޔަތުން އެދިލައްވާކަމެއް ބެއްލެވުމަށްފަހު އެކަމެއް ކޮށްދިނުމަށްކަމަށް މަހުލޫފް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރަށްޔަތުން އެދޭގޮތައް ކަންތައްތައް ކޮއްދެވޭތީވެ ލިސްޓުގެ ކުރި އަބަދުވެސް ލިބެނީ ފުޓްބޯޅައަށްކަމަށެވެ.

" އަޅުގަނޑު ރަށްރަށަށް ޒިޔާރަތް ކުރަމުންދާއިރު ފެނޭ އެރަށްތަކުގެ ދަނޑުތައް ޖަންގައްޔަކަށް ވެފަވާ މަންޒަރު، މިއަދު މިއައަންނީ އެތަންތަން ހަދާ ދެޖިންސުގެ ޒުވާނުންނަށް ބޭނުން ކުރެވޭފަދަ ތަންތަނަށް ހަދަމުން ، އެތަންތާނގަ ދުޅެހެޔޮ ސިއްހަތެއްގައި ތިބުމަށް ކަސްރަތު ކުރުން ފަދަ ކަންތައްތައް ކުރެވޭތަން މިފެންނަނީ. ރަށްރަށަށް ދިޔައީމާ ރައްޔަތުން އެބަބުނޭ ފުޓްބޯޅަ ދަނޑެކޭ އެންމެ ބޭނުންވަނީ ، މި ސަރުކާރު ދެމިއޮންނާނީ ރައްޔަތުން އެދޭ ގޮތައް ކަންތައްތައް ކުރުމަށް." ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފް ވިދާޅުވިއެވެ.

ރޭގެ ހަފްލާގައި މަހްލޫފް ވިދާޅުވީ ހުސްވި އަހަރަކީ ރާއްޖޭގެ ކުޅިވަރުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ކާމިޔާބު އަހަރުކަމަށެވެ. ކާމިޔާބު އަހަރަކަށް ވެގެންދިޔައީ ކުޅިވަރާ ބެހޭ އިދާރާގެ މުވައްޒަފުންނާއި ކުޅިވަރު އާއިލާއިން ކުރި ބުރަ މަސައްކަތުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ ކުޅިވަރު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްވާ ލަފަޔާ އިރުޝާދު ފާހަގަކުރައްވައި އެކަމަށްޓަކައި އެމަނިކުފާނަށް ވެސް މިނިސްޓަރ މަހުލޫފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިޙަފްލާގައި އަލަށް ތަޢާރަފް ކުރެއްވި ޒުވާނުންގެ ޤައުމީ އިނާމް، ކުޅިވަރުގެ ޤައުމީ އިނާމް އަދި ޖަމިއްޔާ ޖަމާއަތްތަކުގެ ޤައުމީ އިނާމަށް އޭގެ ހައްގުވެރި ފަރާތްތަކުން ކުރިމަތިލެއްވުމަވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.