ވިޔަފާރި

ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދޭނަން - ރައީސް


ވިޔަފާރިތަކަށް އިންވެސްޓްކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ޤާނޫނުތަކަށް ބަދަލު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ނ. ކެނދިކުޅުދޫގައި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކުގެ އެހީއާއެކު އިމާރާތްކޮށްފައިވާ މިސްކިތް، މަސްޖިދުލް ރަޙުމާ ހުޅުއްވަވައިދެއްވާ ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ވިޔަފާރިވެރިންގެ ފަރާތުން ޤައުމަށް ލިބޭ މިފަދަ ޚިދުމަތްތަކަކީ މުހިއްމު ކަންތައްތަކެއްކަމަށާއި ވިޔަފާރިވެރިންނަށް މިފަދަ އިންވެސްޓްމެންޓްތައް ކުރުމުގައި ފުރުސަތުތައް ހުޅުވާލަންޖޭހޭކަމަށެވެ.

ރައީސް ވިދާޅުވީ ބޮޑެތި އިންވެސްޓްމަންޓްތައް ހިންގުމުގައި މިހާރު ހެދިފައި ހުރި ޤާނޫނުތަކުގެ ސަބަބުން ވިޔަފާރިވެރިންނަށް ދަތި އުދަގޫތަކާއި ކުރިމަތިލާންޖެހޭކަމަށެވެ. އެހެންކަމުން، މި ކަންތައްތައް ފަސޭހަކޮށްދިނުމަށް ޤާނޫނުތަކަށް އިސްލާޙު ގެނެސް ވިޔަފާރިވެރިންގެ ހައްޤުތައް ރައްކާތެރިކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންގެ ސަރުކާރުގެ އެންމެ މުހިއްމު އެއް މަސައްކަތަކީ މިފަދަ ވިޔަފާރިވެރިންނަށް ފުރުސަތު ހުޅުވާލުން. މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ރާއްޖޭގައި މަސައްކަތްކުރެވޭނެ ގޮތްތައް ހޯދައިދިނުން. ބިރުވެރިކަމެއް ނެތި ޔަޤީންކަމާއިއެކީގައި އިންވެސްޓްމެންޓްތައް ރައްކާތެރިކުރެވޭނެ ގޮތްތައް ޤާނޫނީގޮތުން ހޯދައިދިނުން. އެހެންކަމުން ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް ދަތިވެފައި އުނދަގޫވެފައި ހުރި ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނަން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މަޝްހޫރު ވިޔަފާރިވެރިޔާ އެމްޔޫ މަނިކަށް ތަޢުރީފުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. ރައީސް ވަނީ ރާއްޖޭގެ އިޤްތިސާދު ހިއްސާކުރާ އެންމެ މުހިއްމު އެއް ސިނާޢަތްކަމަށްވާ ޓޫރިޒަމް ސިނާޢަތް ކުރިއެރުވުމުގައި އެމްޔޫ މަނިކުގެ ހިއްސާ ބޮޑުކަމަށް ފާހަގަކުރައްވާ އެބޭފުޅާ ކުރައްވާފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

"ރާއްޖޭގެ އިޤްތިސާދުގެ އެންމެ މުހިއްމު އެއް ބަޔަކީ ޓޫއަރިޒަމް ސިނާޢަތް. މި ސިނާޢަތް މިހިސާބަށް ތަރައްޤީވެގެން އައި އައުމުގައި މުހައްމަދު އުމަރު މަނިކުގެ ދައުރަކީ އެއްވެސް ބޭފުޅަކަށް ހަނދާން ނައްތާލެވޭނެ ދައުރެއް ނޫން. އެންމެ އާދައިގެ ހިސާބުން ފެށިގެން މިއަދު މުޅި ދުނިޔެ ޤަބޫލުކުރާ ވަރުގެ ޓުއަރިޒަމް އިންޑަސްޓްރީއެއް މިއަދު ރާއްޖޭގައި މިއޮތީ މުހައްމަދު އުމަރު މަނިކުގެ ބޮޑު ހިއްސާއެއް އޮވެގެން. މިއީ މިއަދު ރާއްޖެ މިދެކޭ ތަރައްޤީގެ ވަރަށް މުހިއްމު އެއްބައި." ރައީސް ވިދާޅުވިއެވެ.

ޔުނިވަރސަލް ކުންފުނީގެ ޗެއަރމަން މުހައްމަދު އުމަރު މަނިކަކީ ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ މަޝްހޫރު ވިޔަފާރިވެރިއެކެވެ. އަދި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރުމުގައި ވެސް އެމްޔޫ އުމަރު ވަނީ ބޮޑު ދައުރެއް އަދާކުރައްވާފައެވެ. ނ. ކެނދިކުޅުދޫގައި ޢިމާރާތްކޮށްފައިވާ މިސްކިތުގެ އިތުރުންވެސް ރާއްޖޭގެ ވަރަށް ގިނަ ސަރަޙައްދުތަކެއްގައި އިޖްތިމާޢީ ގިނަ މަސައްކަތްތަކެއް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ.