ވިޔަފާރި

ސާޓޭ ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


ރާއްޖެ އިޝްތިހާރުކުރުމަށް މިއަހަރު ކުރިއަށްގެންދާ އެންމެ ފުރަތަމަ ހަރަކާތެއްގެ ގޮތުން އިންޑިއާގައި ކުރިއަށްދާ ސައުތް އޭޝިއާ ޓްރެވެލް އެންޑް ޓޫރިޒަމް އެކްސްޗޭންޖް، ސާޓޭ ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ސާޓޭ ފެއަރ ކުރިއަށްދާނީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ނިއު ދިއްލީގައެވެ. ސާޓޭ ފެއާ އަކީ ދެކުނު އޭޝިއާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު ފެއަރއެވެ.

ތިންދުވަހުގެ މުއްދަތަށް އިންޑިއާގައި ކުރިއަށްގެންދާ މިފެއަރގައި 50 ޤައުމެއްގެ 1000 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެ، އެމީހުންގެ ޚިދުމަތްތަކާއި އުފެއްދުންތައް ދައްކާލުމަށް ހަމަޖެހިފައިވެއެވެ.

އެމްއެމްޕީއާރްސީން ބުނީ މިއަހަރުގެ ސާޓޭ ފެއަރގައި އެކުންފުންޏާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ 19 ކުންފުންޏަކުންނާއި ކަމާގުޅުންހުރި 28 ފަރާތަކުން ބައިވެރިވެފައިވާކަމަށެވެ.

މި ފެއަރގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކަނޑު އަޑީގެ ރެސްޓޯރަންޓެއް ރަމްޒުކޮށްދޭ ގޮތަކަށެވެ. އެމްއެމްޕީއާރްސީން ބުނީ މި ފެއަރގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރާތްކުރާ މީހުންގެ ޝައުޤުވެރިކަން އިތުރުކުރުމަށް ގިނަ ޙަރަކާތްތަކެއް ކުރިއަށްދާނެކަމަށެވެ. އޭގެތެރޭގައި ދިވެހި ކާނާގެ ބާވަތްތަކުގެ ރަހަ ދައްކާލުމާއި ސޯޝަލް މިޑިއާގައި ކުރިއަށްގެންދާ ކެމްޕެއިންތަކެއް ހިމެނެއެވެ. މިކެމްޕޭނުން ހޮވާ ނަސީބުވެރި ފަރާތަކަށް ރާއްޖެއަށް ޒިޔާރަތް ކޮށްލުމުގެ ފުރުސަތު ލިބޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރްސީން ދަނީ ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މި ފެއަރއާއެކު މި އަހަރުގެ ކުރިއަށް އޮތްތަނުގައި ގިނަ ޕްރޮމޯޝަނަލް ޙަރަކާތްތަކެއް ކުރިއަށްގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.