ޚަބަރު

ގެއްލުނު ކެޕްޓަން ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފި


ކ. ކަގި ކައިރިއަށް ފަރަށް އަރާފައިވާ، "ޓީ.ޓީ.އެސް ފާން" ދޯނީގެ ކެޕްޓަން، ހޯދުމުގެ މަސައްކަތް ވައިގެ މަގުން ކުރަން ފަށައިފިއެވެ. މި ޙާދިސާގައި ގެއްލިފައިވަނީ ހދ. ކުޅުދުއްފުށީ ހަވީރީނާޒް، 37 އަހަރުގެ މުޙައްމަދު ޔޫސުފެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، މުހައްމަދު ޔޫސުފް ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ލޯންޗު ނޫރައްދީން، ކަނޑުގެ ސަރަހައްދު ބަލަމުން ގެންދާއިރު، އެސަރަހައްދަށް ކޯސްޓްގާޑުގެ ޑައިވަރުން ފީނަމުން ގެންދާ ކަމަށެވެ. އަދި ގެއްލުނު ކެޕްޓަން ހޯދުމުގެ މަސައްކަތް އެމްއެންޑީފްގެ ހެލިކޮޕްޓަރު ބޭނުންކޮށްގެން މިހާރު ކުރަމުންދާކަންވެސް އާޒިމް ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ދަށުން ކަގި ފަރާއި، އެފަރުގެ ކަނޑު އޮޅި ހިމެނޭ ސަރަހައްދު ޑައިވްކޮށްގެން ބަލަމުންދާއިރު މިހާތަނަށް މުހައްމަދު ޔޫސުފްގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ.

ނަމަވެސް ސޯޓަކާއި މާސްކެއް އެސަރަހައްދުން ޑައިވަރުންނަށް ފެނިފައިވެއެވެ. އެތަކެއްޗަކީ މުހައްމަދު ޔޫސުފް ގެންގުޅުނު ތަކެތިކަން އަދި ކަށަވަރު ވެފައެއް ނުވެއެވެ. އެމްއެންޑީފުން ވަނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ރެއާއި ދުވާލު ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.