ޚަބަރު

"އައްސޭރި" އޮޕަރޭޝަންގައި އިއްޔެ ހައްޔަރުކުރި 3 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި


ހަރުކަށި ފިކުރާ ދެކޮޅަށް ރ.މަޑުއްވަރީގައި ފުލުހުން ހިންގާ "އައްސޭރި" އޮޕަރޭޝަނުގައި އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 3 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ހަރުކަށި ފިކުރާއި ދެކޮޅަށް ފުލުހުންނާއި، ކަމާބެހޭ އިދާރާތަކުން ގުޅިގެން ރ.މަޑުއްވަރީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޢުމުރުން 22 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއްކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތިންމީހުންނަކީ ދިވެހި ފިރިހެނުންކަމަށް ފުލުހުން ވިދާޅުވެއެވެ. މި 3 މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން 3 މީހުންގެ ބަންދަށްވެސް 15 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ،

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހުން ފެށިގެން މަޑުއްވަރީގައި ފުލުހުން ހިންގާ އޮޕަރޭޝަނުގައި މީގެ ކުރިންވެސް ވަނީ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރެއިން އުމުރުން 13 އަހަރުގައި ކައިވެނީގެ ނަމުގައި ފިރިހެނަކާއި ދަރިފުޅު ހަވާލުކުރި މަންމަ އާއި ބައްޕަގެ މައްޗަށް ޕީޖީއޮފީހުން ވަނީ ކޯޓުގައި ދައުވާ އުފުލާފައެވެ. އުމުރުން 13 އަހަރުގެ ކުއްޖަކު ކައިވެނިކޮށްދިނުމުގެ ނަމުގައި ފިރިހެނަކާއި ޙަވާލުކޮށްފައިވަނިކޮށް އެކުއްޖާއަށް ވަނީ ދަރިއަކުވެސް ލިބިފައެވެ. އެމައްސަލާގައި ޢުމުރުން 13 އަހަރުގެ ކުއްޖާގެ މަންމަގެ މައްޗަށް 4 ދައުވާ އެއް އުފުލާފައިވާއިރު އެކުއްޖާގެ ބައްޕަގެ މައްޗަށް ވެސް އެއް ދައުވާ ވަނީ އުފުލާފައެވެ.

ހަރުކަށި ފިކުރާދެކޮޅަށް ރ.މަޑުއްވަރީގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގެ ބޮޑުބައި މިހާރު ނިމިފައިވާކަމަށް ހޯމް މިިނިސްޓްރީން ވަނީ ވިދާޅުވެއެވެ. ހަރުކަށި ފިކުރުގެ ސަބަބުން އަނިޔާ ލިބެމުންދިޔަ ކުޑަކުދިންނަށް ހައްގުތައް ހޯދައިދެވި، ބައެއް ކުދިން ޖެންޑާ މިނިސްޓްރީގެ ދަށަށް ގެންދެވިފައި ވާކަމަށް ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އަދި ހަރުކަށި ވިސްނުން ފެތުރުމަކީ މުޅި މަޑުއްވަރީގައި އޮތްކަމެއް ނޫންކަމަށާއި މިއީ އެރަށުގެ ވަރަށް މަދު ބަޔަކު ހިންގާ ކަމެއްކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ހަރުކަށި ފިކުރަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި އޮތް ފިކުރެއްކަމަށްވުމުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ރަށްތަކުގައިވެސް މިފަދަ އޮޕަރޭޝަންތައް ހިންގަން ޖެހިއްޖެނަމަ އެކަން ކުރާނެކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.