ބ ދޮންފަނު ކައިރިން އޭދަފުށީ ލޯންޗު ފެރީ އަކާއި، ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އަޑިއަށް ދިޔަ ޑިންގީ ފެންމައްޗަށް ނަގައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ޑިންގީ ކަނޑުއަޑިން ނެގީ އެމްއެންޑީއެފް ނޮދަން އޭރިއާ ސްކޮޑްރަންގެ ޑައިވަރުންކަމަށެވެ.
ޑިންގީ ނަގާފައި ވަނީ، ބ ދޮންފަނާއި 0.5 ނޯޓިކަލް މޭލު ބޭރުން، 46 މީޓަރު އަޑިންނެވެ.
އަދި މިހާރު އެޑިންގީ ވަނީ ބ ދަރަވަންދޫއަށް ގެންދެވިފައި ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވޭwެވެ.
މިޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ހިނގި އެ އެކްސިޑެންޓްގައި އެޑިންގީންގައި އިން، ބ އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބުދުﷲ (41އ) ގެއްލިފައި ވާއިރު، މިހާތަނަށް އޭނާ ހޯދިފައެއް ނުވެއެވެ.
ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަދިވެސް ދަނީ ހުއްޓައި ނުލައި ކުރިއަށް ގެންދާއިރު، ކ. ކަގި ކައިރިއަށް ފަރަށް އަރާފައިވާ، "ޓީ.ޓީ.އެސް ފާން" ދޯނީގެ ކެޕްޓަން، ކުޅުދުއްފުށީ ހަވީރީނާޒް، މުޙައްމަދު ޔޫސުފް (37އ) ގެއްލިފައިވާތީ އޭނާ ހޯދުމުގެ މަސައްކަތްވެސް އެމްއެންޑީއެފުގެ ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.
މިހާތަނަށް މުހައްމަދު ޔޫސުފްވެސް ހޯދިފައެއް ނުވެއެވެ.