ޚަބަރު

އެމްޑީޕީގެ ވޯޓާސްލިސްޓަށް ޝަކުވާ ހުށަހަޅުމުގެ ފުރުސަތު ހުޅުވާލައިފި


ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި އެމްޑީޕީގެ ވޯޓްސްލިސްޓަށް ޝަކުވާހުށަހެޅުމުގެ ފުރުސަތު އަންނަ ހުކުރުދުވަހާއި ހަމައަށް ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނެފައިވަނީ މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓްލުމަށް ދާއިރާތަކުގެ ވޯޓާސްލިސްޓް ޢާންމުކޮށްފައިވާނެކަމަށެވެ. މިލިސްޓަށް ޝަކުވާ ހުށަހެޅުމަށްޓަކައި އިއްޔެއިން ފެށިގެން ހުކުރުދުވަހުގެ 6 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގެ ހުރިހާ ދާއިރާގެ އެމްޑީޕީގެ ވޯޓާސްލިސްޓް ޢާންމުކޮށްފައި ވީނަމަވެސް ސިޓީ ކައުންސިލްތަކުގެ ވޯޓާސްލިސްޓް އަދި އާންމުކޮށްފައިނުވެއެވެ. އެމްޑީޕީން ބުނީ ސިޓީ ކައުންސިލްތަކުގެ ދާއިރާތަކަށް އައިސްފައިވާ ބަދަލުތަކާއިއެކު ދާއިރާތަކުގެ ވޯޓާސްލިސްޓް ފައިނަލްކޮށް މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ދާއިރާތަކުގެ ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވަކިން ހުޅުވާލާނެކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީއަކީ މިފަހަރުގެ ކައުންސިލް އިންތިޚާބްގައި އެންމެ ގިނަ މެމްބަރުން ކުރިމަތިލައްވާނެ އިންތިޚާބްކަމަށް ބެލެވެއެވެ. އެމްޑީޕީން ބުނެފައިވަނީ ޕްރައިމަރީގައި ވޯޓްލެވޭ ފަރާތްތަކުގެ ފައިނަލް ވޯޓާސްލިސްޓް އާންމުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15ވަނަ ދުވަހުކަމަށެވެ. ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31ވަނަ ދުވަހުއެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ތާރީޚަކީ އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހެވެ. ޤާނޫނަށް ގެނައި ބަދަލާއެކު މިފަހަރުގެ ކައުންސިލް އިންތިޚާބްގައި 980 ކައުންސިލަރުން އިންތިޚާބްކުރާނެއެވެ.