ޚަބަރު

ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ހުޅުވާލި ފުރުސަތުގައި ޢަމަލުކޮށްފައިވާނީ އުސޫލާ އެއްގޮތަށް - ހަޔަރ އެޑިއުކޭޝަން


އަމިއްލަ ޚަރަދުގައި ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ހުޅުވާލި ފުރުސަތުގައި ކުދިން ހޮވުމުގައި ޢަމަލުކޮށްފައިވަނީ އުސޫލުގައި ބަޔާންކޮށްފައިވާގޮތަށްކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިހެން ވިދާޅުވެފައި މިވަނީ އަމިއްލަ ޚަރަދުގައި ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ހުޅުވާލި ފުރުސަތުގައި ކުދިން ހޮވާފައިވާ ގޮތާއި މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވަނިކޮށެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ވަނީ 9 ދާއިރާއަކުން ނޭޕާލުގައި ސްޕެޝަލައިޒްވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެ އީއުލާނާއި ގުޅިގެން އެޕްލީކޭޝަން ހުށައަޅާފައި ވަނީ 9 ފަރާތަކުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އޭގެ ތެރެއިން ހޮވިފައިވަނީ 5 ދަރިވަރެކެވެ. އިތުރު ދަރިވަރުންނަށް ފުރުސަތު ދީ އިތުރަށް ލިބިފައިވާ 4 ސްލޮޓް ހަމަކުރުމުގެ ގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އަލުން ކުރި ޢިއުލާނަކާއި ގުޅިގެން ކޯހަށް ކުރިމަތިލާފައިވަނީ 3 ކުދިންނެވެ. މީގެތެރެއިން ހޮވިފައި ވަނީ އެންމެ ކުއްޖެއްކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މީގެއިތުރުން ފުރަތަމަ ފުރުސަތުގައި ހުރި ދާއިރާތައް ދެވަނައަށް ހުޅުވާލި ފުރުސަތުގައި ނެތުމަކީވެސް ބައެއް ދަރިވަރުންގެ ކަންބޮޑުވުން ފާޅުކުރި ކަމެއް ކަމަށާއި، އެގޮތަށް އެކަން އޮތީ އަލުން ހުޅުވާލި ފުރުސަތަކީ ކުރިން ހުޅުވާލި ފުރުސަތުގައި ބާކީ ހުރި ޖާގަތަކަށް ހުޅުވާލި ފުރުޞަތަށް ވުމުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ފުރަތަމަ ފުރުސަތުގައިވެސް އަދި ދެވަނައަށް ހުޅުވާލި ފުރުސަތުގައިވެސް ކުދިން ހޮވުމުގައި މެރިޓް އުސޫލަށް ބަލާކަމަށް ބަޔާންކޮށްފައިނުވާކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. ހަޔަރ އެޑިޔުކޭޝަނުން ވިދާޅުވީ ޢިއުލާނުގައި ހުށައަޅަން އެދިފައިވާ ތަކެއްޗާއި ޝަރުތުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތައް ނޮމިނޭޓްކޮށްފައިވާކަމަށެވެ.

އަދި މިފަދަކަންކަން ފުރަތަމަ ޢިއުލާނުން ބައެއް ފަރާތްތަކަށް އޮޅުން އަރާތީ ފަހުން ކުރި ޢިއުލާނުގައި އެކަން އިތުރަށް ތަފްސީލުކޮށްފައިވާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ދެ ފަހަރުވެސް ކުދިން ހޮވުމުގައި ބަލާފައިވާނީ މިނިސްޓްރީން ސްކޮލަރޝިޕް ފުރުސަތުތަކުގައި ކުދިން ހޮވުމުގައި ގެންގުޅޭ މިންގަނޑަށްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.