ޚަބަރު

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ އަތުން ނެގި ބާރުތައް އަނބުރާ ދީފި


ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ މައްސަލަތަކާމެދު ގޮތެއް ނިންމާނީ ރަޖިސްޓްރާގެ ބަދަލުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް އެ ކޯޓުގެ ގަވައިދުގައި ކަނޑައަޅާފައިވާ މާއްދާ ބާތިލްކޮށްފި އެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 57 ވަނަ މާއްދާގެ (ހ) އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (އ) ގައި ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދައަށް އެދޭ މައްސަލަތައް ބަލައި ގޮތެއް ކަނޑައަޅާނީ ފަނޑިޔާރުންގެ މަޖިލީހުންކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ، ކޯޓުތަކުގެ ޤާނޫނުގެ ބުނެވުނު މާއްދާއާ ޚިލާފަށް ކަނޑައަޅާފައިވާ ކަނޑައެޅުމެއް ކަމަށެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ މައްސަލަތަކާމެދު ގޮތެއް ނިންމާނީ ރަޖިސްޓްރާރކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން ސުޕްރީމް ކޯޓުން އެ ނިންމުން ނިންމި ސަބަބު ބަޔާންކޮށް ވިދާޅުވެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 57 ވަނަ މާއްދާގެ (ހ) އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (އ) ބާޠިލުކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމެވެވުމުން ދެން އެ ކޯޓަށް ހުށައަޅާ މައްސަލަތަކުގައި ގޮތެއް ފުރަތަމަ ނިންމަވާނީ ކޯޓުގެ ރަސްޖިޓްރާ އެވެ.