ޚަބަރު

ރާއްޖެއާ ނުގުޅޭ ބައިތަކެއް ހިމެނޭ ފޮތްތަކެއް ބެހުމުން، އެކަމަށް އަހުމަދިއްޔާ ސްކޫލުން މަޢާފަށް އެދިއްޖެ


ރާއްޖެއާ ނުގުޅޭ ބައިތަކެއް ހިމެނޭ ފޮތްތަކެއް ބެހުމުން، އެކަމަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން މަޢާފަށް އެދިއްޖެއެވެ. މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ގުޅޭގޮތުން އަހުމަދިއްޔާ ސްކޫލުން ނެރުނު ބަޔާނެއްގައި އެސްކޫލުން ވަނީ، ރާއްޖެއާއި ނުގުޅޭ ބައިތަކެއް ހިމެނޭ ފޮތްތަކެއް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ބަހާފައިވާކަމަށާއި، މި ބައިތައް ބަދަލުކޮށް ފޮތްތައް ދޫކުރަން ނިންމާފައިވާކަމަށް އެ ސްކޫލުން ހާމަކޮށްފައެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ގުޅޭގޮތުން އަހުމަދިއްޔާ ސްކޫލުން ނެރުނު ބަޔާނުގައި އެސްކޫލުން ވަނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮތުގެ ގަނޑުތަކަކީ އެ ސްކޫލުން ދޫކުރާ ފޮތެއްގެ ތެރޭގައި ހުރި ސަފްޙާ ތަކެއްކަން ހާމަކޮށްފައެވެ. އެގޮތުން މިފޮތް ބެލެނިވެރިންނަށް ދޫކުރިއިރު މިފޮތުގައި ރާއްޖެއާއި ނުގުޅޭ ބައިތައްހުރުމުން މިހާރު މި ސަފްޙާތައް ނަގާ އޭގެ ބަދަލުގައި ދިވެހި ޤައުމީ ސަލާމާއި ދިވެހިދިދައާއި ދިވެހި ރާއްޖޭގެ ނިޝާނާއި އަދި ދިވެހި ސަޤާފަތް ދައްކުވައިދޭ ތަސްވީރުތައް ހިމެނޭ ސަފްޙާތަކެއް، އެ ސަފްޙާތަކުގެ ބަދަލުގައި ހިމަނައިގެން ދޫކުރަމުންދާކަން މިބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މި ބަޔާނުގައި އަހުމަދިއްޔާ ސްކޫލުންވަނީ މައްސަލަ ޖެހުނު ފޮތްތަކަކީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އިންޑިއާ ސަރުކާރުން އެސްކޫލަށް ދިން ފޮތްތަކެއް ނޫންކަން ހާމަކޮށްފައެވެ. އެގޮތުން މިފޮތްތަކަކީ އެސްކޫލުން އިންޑިއާގެ ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސްއާ ގުޅިގެން ރާއްޖެ ގެނެސް މިދިޔަ އަހަރުން ފެށިގެން ބޭނުން ކުރަމުން ގެންދާ ފޮތްތަކެއްކަމަށް އެސްކޫލުން މަޢުލޫމާތުދެއެވެ.

މި ބަޔާނުގައި އަހުމަދިއްޔާ ސްކޫލުންވަނީ މިކަމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދައުރެއް އަދި އިންޑިއާ ސަރުކާރުގެ އެއްވެސް ދައުރެއް ނެތްކަމަށާއި، މިކަން މިގޮތަށް ހިނގާދިއުމުގެ ހުރިހާ ޒިންމާ އެސްކޫލުން ނަގާނެކަން ހާމަކުރައްވާ މިކަމުގައި ބެލެނިވެރިންގެ ކިބައިން މަޢާފަށް އެދިފައެވެ.

ރާއްޖެއާއި ނުގުޅޭ ބައިތަކެއް ހިމެނޭ ފޮތްތަކެއް ބެހި މައްސަލައަށް އެސްކޫލުން އިއުތިރާފްވެފައި މިވަނީ، އިސްލާމް ދީނާއި ޚިލާފް ފޮޓޯތަކާއި ލިޔުންތަކެއް ހިމެނޭ ފޮތްތަކެއް އެސްކޫލުން ބެހި މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.