ސިއްހަތު

ޑެންގީހުން ޖެހުނު މީހުންގެ ޢަދަދު 634އަށް އަރައިފި


ޑެންގީހުން ޖެހިގެން މިއަދު ވިހިކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ހާމަކުރައްވައިފިއެވެ. އެއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ޑެންގީހުން ޖެހިގެން މިހާތަނަށް ހަ ސަތޭކަ ތިރީހަށްވުރެގިނަ ކޭސް ރިޕޯޓްކޮށްފައިވާކަމަށް  އެ އެޖެންސީއިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކައެވެ.މިއަދުގެ ނިޔަލަށް މާލެއިން ޑެންގީގެ ދުއިސައްތަ އަށްޑިހަ ފަސް ކޭސް ރިޕޯޓްކޮށްފައިވާއިރު، އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ތިން ސަތޭކަ ސާޅިސް ނުވައަކަށްވަނީ އަރާފައެވެ. އެޗް.ޕީ.އޭއިން މައުލޫމާތުދޭ ގޮތުގައި ޑެންގީހުން ޖެހިގެން އަތޮޅުތަކުން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ށ، ރ އަދި ބ އަތޮޅުންނެވެ. ނަމަވެސް ޖުލައިމަސް ފެށުނުފަހުން އދ، ގއ، އަދި ލ އަތޮޅުން ޑެންގީޖެހިގެން ރިޕޯޓްކުރަމުންދާ ނިސްބަތް އިތުރުވެފައިވާކަމަށް އެޗް.ޕީ.އޭއިން މައުލޫމާތުދެއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ޑެންގީހުން ފެތުރެމުންދާއިރު، މިހާތަނަށް މި ބަލީގައި ހަތަރު މީހަކުވަނީ މަރުވެފައިއެވެ. މިދިޔަ އަހަރު ޑެންގީގެ ހަތް ސަތޭކައަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު، މިދިޔަ އަހަރު މި ބަލީގައި މަރުވެފައިވަނީ އެންމެ ދެ މީހުންނެވެ. ޑެންގީހުން ކޮންޓްރޯލްކުރުމަށްޓަކައި، މަދިރި އުފެދޭ ތަންތަން ނައްތާލާއި، ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީއިން އިލްތިމާސްކުރައްވައެވެ. އަދި ޑެންގީގެ ކޭސްއެއް ފެނިއްޖެނަމަ ލަސްނުކުރައްވާ 7548221 ނަންބަރާ ގުޅުއްވާ، ރިޕޯޓްކޮށްދެއްވުމަށްވެސް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.