ވިޔަފާރި

1.7 މިލިއަން ފަތުރުވެރިންނާއެކު ފަތުރުވެރިކަމުގެ ރެކޯޑެއް!


2019 ވަނަ އަހަރު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ ޢަދަދު 1.7 މިލިއަނަށް އަރާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމާކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރި އަހަރުކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އެކަނި ވެސް ރާއްޖެއަށް 171،292 (ސަތޭކަ ހަތްދިހަ އެއް ހާސް ދުއިސައްތަ ނުވަދިހަ ދެ) ފަތުރުވެރިން ޒިޔާރާތްކުރިއެވެ. އަދި 2019 ވަނަ އަހަރު ނިމުނުއިރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 1،702،831 އެއް މިލިއަން ހަތްސަތޭކަ ދެހާސް އަށްސަތޭކަ ތިރީސް އެކެއް) ނުވަތަ 1.7 މިލިއަންގައެވެ.

މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު %14.7 ގެ ކުރިއެރުމެކެވެ. އަދި މިއަހަރު ރާއްޖެ ޒިޔާރަތްކުރާނެކަމަށް ކުރިން ލަފާކުރި އަދަދަށް ވުރެ 13.3 އިންސައްތަ އިތުރު އަދަދެކެވެ.

1.5 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ކަނޑައެޅި އަމާޒަށް މިދިޔަ ނޮވެމްބަރުމަހުގެ ތެރޭގައި ވާސިލުވިއިރު، ޓޫރިޒަމް މިނިސްޓްރީން ބުނީ 2019 ވަނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި އަހަރުކަމަށެވެ.

2019 ވަނަ އަހަރު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު %49 އާއިއެކު އެންމެ ގިނައިން ފަތުރުވެރިން ޒިޔަރާތްކޮށްފައިވަނީ ޔޫރަޕްގެ ޤައުމުތަކުންނެވެ. އަދި މިސަރަޙައްދުގެ ޤައުމުތަކުން ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ ޢަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ވަނީ %14.8 އިތުރުވެފައެވެ.

2019 ވަނަ އަހަރު ރާއްޖެ ޒިޔާރާތްކުރި ވަކި މާކެޓްތަކަށް ބަލާއިރު އެންމެ ކުރި ހޯދާފައިވަނީ ޗައިނާގެ މާކެޓެވެ. މި މުއްދަތުގައި ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ %16.7 އަކީ ޗައިނާ ފަތުރުވެރިންވެ. ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ %9.7 އާއެކު އިންޑިއާއިންނެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވަނީ %8 އާއެކު އިޓަލީވިލާތުންނެވެ.

2019 ވަނަ އަހަރަކީ ފަތުރުވެރިކަމުގައި ކާމިޔާބު އަހަރަކަށްވެފައިވާއިރު މިދިޔަ އަހަރު ހޯދި މި ކާމިޔާބީއާއެކު ސަރުކާރުގެ އަމާޒަކީ 2020 އަދި 2021 ވަނަ އަހަރު ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންގެ ޢަދަދު 2 މިލިއަނަށް އެރުވުމެވެ.

އަދި މި ސަރުކާރުގެ ފުރަތަމަ 5 އަހަރު ނިމޭއިރު އަހަރެއްގެ މައްޗަށް ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެކެވެ.