ޚަބަރު

އެކައުންޓިންގެ ޚާއްސަ 2 ކޯހެއް އައި.ޔޫ.އެމުން ފަށަނީ


ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން މުޅިން އަލަށް އެކައުންޓިންގ އެންޑް ފައިނެނޭންސްގެ ކޯސްތަކެއް ތަޢާރަފްކޮށްފިއެވެ.

އައިޔޫއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި އެޔުނިވަރސިޓީން ތަޢާރަފްކޮށްފައިވަނީ ޑިޕްލޮމާ އިން އެކައުންޓިންގ އެންޑް ފައިނޭންސާއި ބެޗްލަރސް އޮފް އެކައުންޓިންގ އެންޑް ފައިނޭންސް ކޯހެވެ. މިކޯސް ފަރުމާކޮށްފައިވަނީ މިދާއިރާގައި މަސައްކަތްކުރަ މީހުންގެ ޚިޔާލާއި މަޝްވަރާގެ މަތިންކަމަށް އައިޔޫއެމުން ވިދާޅުވެއެވެ. އަދި ކޯސްތައް ފަރުމާކޮށްފައިވާނީ ކޯސްތަކުގެ ސަބަބުން ދަރިވަރުންގެ މަޢުލޫމާތާއި ހުނަރާއި ޤާބިލުކަން އިތުރުވެގެންދާނެ ގޮތަށް ކަމަށް އައިޔޫއެމުން ވިދާޅުވެއެވެ.

އައި.ޔޫ.އެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ.ސަޢުދުﷲ ޢަލީ ވިދާޅުވީ މިއީ ރާއްޖޭގެ އިސްލާމީ ވެއްޓާ ގުޅޭފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ކޯސްތަކެއް ކަމަށެވެ. އަދި މިކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް އެކައުންޓިންގއާއި ގުޅޭ އެކި ދާއިރާތަކުން ކުރިއަށްދިޔުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އައިޔޫއެމުން ވިދާޅުވެއެވެ. އެގޮތުން ފައިނޭންޝިއަލް އެކައުންޓެންޓް، މެނޭޖްމަންޓް އެކައުންޓެންޓް، އޮޑިޓިންގއާއި ޓެކްސްސޭޝަން އަދި ފައިނޭންސް މެނޭޖަރގެ އިތުރުން އަމިއްލަ ވިޔަފާރިތައް ފެށުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ. ސަޢުދުﷲ ވިދާޅުވީ މިޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ޕްރޮގްރާމާއި ގުޅުންހުރި ދާއިރަތަކުން އިތުރު ތަމްރީން ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ. އެގޮތުން އިންޓަރންޝިޕާއި ރިސަރޗް ޕްރޮޖެކްޓްތަކުގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށް އައިޔޫއެމުން މަޢުލޫމާތުދެއެވެ.

މިޕްރޮގްރާމް މާލެސިޓީއާއި ހދ.ހަނިމާދޫއާއި ލ.ފޮނަދޫގެ އިތުރުން ފުވައްމުލައްސިޓީގައި ކުރިއަށް ގެންދިޔުމަށްވަނީ ނިންމާފައެވެ. އައިޔޫއެމުން އަންނަނީ ދިރާސީ އާއަހަރުގެ ޔުނިވަރސިޓީގެ ކިޔެވުން ފެށިގެން އަންނައިރު ހދ.ހަނިމާދޫގައި ކެމްޕަހެއް ޤާއިމުކުރުމުގެ މަސަކަތްވެސް ކުރަމުންނެވެ. ރާއްޖޭގެ ދެކުނާއި، ލ.ފޮނަދޫއާއި ފުވައްމުލައް ސިޓީގައި މިހާރުވެސް އައިޔޫއެމްގެ ކެމްޕަސްތައް ހުންނައިރު ހަނިމާދޫގައި ޤާއިމުކުރާ ކެމްޕަހަކީ އުތުރުގައި ޤާއިމުކުރާ އައިޔޫއެމްގެ ފުރަތަމަ ކެމްޕަހެއެވެ. އައިޔޫއެމުން ވިދާޅުވީ އެޔުނިވަރސިޓީގެ ކޯސްތައް ރަށްރަށުގައި ޑިމާންޑާ އެއްގޮތަށް ބައްޓަންކުރަން ރާވާފައިވާކަމަށެވެ. އެގޮތުން ކެމްޕަސްތައް ހުރި ރަށްރަށާއި ސަރަޙައްދުތަކުގައި ކިޔަވަން ބޭނުންވާ ދަރިވަރުން ބޭނުންވާ ކޯސްތަކަށް ކުދިން ހަމަވާނަމަ އެކޯސްތައް ހިންގުމަށް އައިޔޫއެމް އަބަދުވެސް ތައްޔާރަށް އޮތްކަމަށް އެޔުނިވަރސިޓީން ވިދާޅުވެއެވެ.