ޚަބަރު

އެކްސިޑެންޓުގައި އަޑިއަށް ދިޔަ ޑިންގީ ފެނިއްޖެ


ބ ދޮންފަނު ކައިރިން އޭދަފުށީ ލޯންޗު ފެރީ އަކާއި، ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި އަޑިއަށް ދިޔަ ޑިންގީ ފެނިއްޖެއެވެ.

ޑިންގީ ފެނުނީ މިއަދު 11:00 ހާއިރު ބ ދޮންފަނާ އަނގަފަރާ ދެމެދު ކަނޑުގެ ސަރަހައްދުގެ 40 މީޓަރު އަޑިންނެވެ.

ގެއްލުނު ނަސްރުﷲ އާ އޭނާ ދަތުރުކުރި ޑިންގީ ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، ގެއްލުނު ޑިންގީގެ ބައެއް އެސަރަހައްދުގެ ކަނޑުއަޑިން ފެނިފައިވާ ކަމަށާއި، ޑިންގީގެ އިންޖީނުގެ މަތިގަނޑުގެ ބައިތަކެއް ވެސް ޑައިވަރުންނަށް ފެނިގެން މިހާރު ވަނީ ނަގާފައި ކަމުގައި އެމްއެންޑީއެފުން ބުނެފައި ވެއެވެ.

ޑިންގީ ފެނިފައިވަނީ މީގެ ދެދުވަސް ކުރިން ޑިންގީގައި ހުރި ބައެއް މަސްވެރިކަމުގެ އާލާތްތައްވެސް ފެނުނު ހިސާބުންނެވެ. އަދި ޑިންގީގައި ގެންޅުނު އެއްލާ ބައްތި (ނެވިގޭޝަން ލައިޓް) ވެސް ފެނިފައި ހަމަ އެސަރަހައްދުންނެވެ.

ޑިންގީ އާއި ގެއްލިގެން ހޯދަމުންދާ ނަސްރު ހޯދުމުގެ މަސައްކަތް ކޯސްގާޑްގެ ޑައިވަރުން ކުރަމުން ގެންދާއިރު އެސަރަހައްދުގެ ރިޒޯޓުތަކުންވެސް ދަނީ އެމަސައްކަތުގައި އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

އެކްސިޑެންޓްގައި ގެއްލުނު ނަސްރުﷲ އާއި ޑިންގީ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި އަދިވެސް ކުރިއަށް އެބަ ގެންދެއެވެ.

ބ އޭދަފުށީ ލޯންޗު ފެރީ އަކާއި، ޑިންގީ ޖެހި އެކްސިޑެންޓް ހިނގާފައި ވަނީ މިޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ.