ވިޔަފާރި

އެއަރޕޯޓުގެ އޮޕަރޭޝަންތައް އާދީއްތަދުވަހު ރެކޯޑު އަދަދަކަށް އިތުރުވެއްޖެ


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް، ވީއައިއޭގެ ފްލައިޓު އޮޕަރޭޝަންތައް މިދިޔަ އާދީއްތަދުވަހު ރެކޯޑު އަދަދަކަށް އިތުރުވެއްޖެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނީ މިއީ މިދިޔަ ޑިސެންބަރު މަހުން ފެށިގެން ރަންވޭ މޫވްމަންޓް ރެކޯޑް މިންވަރަކަށް އިތުރުވި 3 ވަނަ ފަހަރުކަމަށެވެ. މިގޮތުން އާދީއްތަ ދުވަހު އެއަރޕޯޓުގައި 811 މޫވްމަންޓް ރެކޯޑް ކުރެވިފައިވާކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އެއީ 552 ރަންވޭ މޫވްމަންޓް އަދި 559 ސީޕްލޭން މޫމްވަމަންޓްކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ގިނަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާއިރު، އަބަދުވެސް އެންމެ އިސްކަމެއް ދެނީ އެއަރލައިންތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ.

ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި ސްކޫލް ޗުއްޓީއާ ދިމާކޮށް ވީއައިއޭގެ އޮޕަރޭޝަންތަކަށް ވަނީ ބާރުބޮޑުވެފައެވެ. އަނެއްކޮޅުން އެއާޕޯޓުން ފުރާ މީހުންގެ އަދަދު އިތުރުވެފައިވާތީ، ފުރުމުގެ ތިންގަޑިއިރު ކުރިން ފުރާ މީހުން އެއާޕޯޓަށް ދިއުމަށް ވެސް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށް އެއަރޕޯޓުން ދޭ ޙިދުމަތްތައް ފުޅާކުރުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެއްބިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫޢުގެ ދަށުން، އާ ރަންވޭއެއް ހެދުމާއި، އިންޓަރނޭޝަނަލް ޓާމިނަލަކާއި، އާ ސީޕްލޭން ޓާމިނަލެއްގެ އިތުރުން، ފިއުލް ފާމަކާއި، ކާގޯ ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެއަރޕޯޓަށް ޖައްސާ އެއަރ ކްރާފްޓްތަކަށް ފަސޭހަކަމާއެކު ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އެއަރޕޯޓުގައި ޕާކް ކުރާނެ ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.