ވިޔަފާރި

އެޗްއާރު ކޮންވެންޝަންގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި


2 ވަނަ ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް، އެމް.އޭ.އެޗް.އާރު.ޕީގެ ދެވަނަ ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިހަރަކާތް ކުރިޔަށްދާނީ މިއަންނަ މާރޗުމަހުގެ 14-15އަށް ދަރުބާރުގޭގައެވެ.

މިއަހަރުގެ އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯގެ ޝިއާރަކީ "ޓްރާންސްފޯމޭޝަން އެންޑް ކަލްޗަރ – ފިއުޗަރ އޮފް ހިއުމަން ކެޕިޓަލް"އެވެ. އެމް.އޭ.އެޗް.އާރު.ޕީން މައުލޫމާތުދޭ ގޮތުގައި މިއަހަރުގެ އެކްސްޕޯގައި މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމާއި، ވަޒީފާގެ މާހައުލަށް ޓެކްނޮލޮޖީ އިތުރުކުރުމާއި، ވަޒީފާގެ މާހައުލު މުވައްޒަފުންނަށް އެންމެ އެކަށީގެންވާ މާހައުލަކަށް ހެދޭނެ ގޮތްތަކާއި، ލީޑަރޝިޕް އަދި އިންސާނީ ވަސީލަތް ބިނާކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރާނެއެވެ.

މިއެކްސްޕޯގައި އެޗްއާރުގެ ދާއިރާއިން ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ފަރާތްތަކުގެ އިތުރުން، ރާއްޖޭގެ އެކި ފަރާތްތަކުންވެސް ބައިވެރިވާނެއެވެ. މީގެއިތުރުން މިއެކްސްޕޯގެ ތެރޭގައި އެޗްއާރުގެ ދާއިރާގައި ބޭނުންކުރާ އެންމެ ފަހުގެ ޕްރޮޑަކްޓްސްތަކާއި، ސާރވިސްތައް ޝޯ ކޭސް ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2020ގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން އިވެންސްޓް އެޓް އެމްއޭއެޗްއާރުޕީ ވެބްސައިޓަށް ޒިޔާރަތްކުރުމުން އެކަމާ ގުޅޭ މަޢުލޫމާތު ލިބޭނެއެވެ.

އެޗްއާރު އެކްސްޕޯ އިންތިޒާމްކުރާ އެމްއޭއެޗްއާރުޕީއަކީ ރާއްޖޭ ހިއުމަން ރިސޯސްގެ ދާއިރާ ކުރިއެރުވުމަށް ހިންމާ އެސޯސިއޭޝަނެކެވެ. މިއެސޯސިއޭޝަނުން އިންސާނީ ވަސީލަތް ބިނާކުރުމާބެހޭ އެކި ތަމްރީންތައް ބޭއްވުމުގެ އިތުރުން ދާއިރާއާއި ގުޅޭ އެހެނިހެން ހަރަކާތްތައްވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.