ވިޔަފާރި

އިންކަމް ޓެކްސްއަށް ހޭލުންތެރިކުރުވުން މުހިއްމު - މީރާ


އިންކަމް ޓެކްސްގެ ޤާނޫނަށް އާންމުން ހޭލުންތެރިކުރުވުން މުހިއްމުކަމަށާއި، އެކަމަށްޓަކައި މީރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އިންކަމް ޓެކްސްއަށް އާއްމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް މީރާއިން ފަށާފައިވާއިރު، އިންކަމް ޓެކްސްގެ ޤާނޫނަށް މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަނީ އަމަލުކުރަމުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މީރާގެ ޑިރެކްޓަރ ޖެނެރަލް ކޯޕަރޭޓް ބިޒްނަސް މޫސާ ހަލީމް ވިދާޅުވީ، އިންކަމް ޓެކްސްގެ ޤާނޫނަކީ ގިނަ ބަޔަކަށް އަސަރުކުރާ ޤާނޫނަކަށް ވުމުގެ ސަބަބުން އާއްމުން ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެއްކަމަށެވެ. އެހެންކަމުން މީރާއިން އިސްނަގައިގެން އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މޫސާ ޙަލީމް ވިދާޅުވީ އިންކަމް ޓެކްސްއަށް ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއްވެސް މިހާރު ފަށާފައިވާކަމަށެވެ. އަދި އިންކަމް ޓެކްސްގެ ޤާނޫނަކީ ގިނަ މާއްދާތަކެއް އޮތް ގާނޫނަކަށްވުމުގެ ސަބަބުން އެންމެންނަށް މި ޤާނޫނު ފަހުމުވުމަކީ އުނދަގޫކަމެއްކަމަށާއި، އެހެންކަމުން ލީފްލެޓާއި، ވީޑިއޯގެ ޒަރިއްޔާއިން މި މައުލޫމާތު ފަސޭހައިން އާންމުންނަށް ފޯޜުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށްވެސް މޫސާ ހަލީމް ވިދާޅުވިއެވެ.

"މި ޤާނޫނުގެ ދަށުން އެމީހަކަށް އަންނާނެ އަސަރުތައް ދެނެގަތުމަކީ މުހިންމުކަމެއް. އަޅުގަނޑުމެން މިތިބީ ހުރިހައި ފަރާތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް. ގާތްގަނޑަކަށް 100 އެއްހައި މާއްދާއޮތް ގާނޫނެއް އިންކަމް ޓެކްސްގެ ޤާނޫނަކީ. މި ޤާނޫނު އެންމެންނަށް ދޭހަނުވުމަކީ އެކަށީގެންވާކަމެއް. މި ޤާނޫނޫތައް އާންމުންނަށް ފަސޭހައިން ދޭހަވާނެފަދަ ގޮތަށް ގައިޑްތަކާއި، ލީފްލެޓްތައް ތައްޔާރުކޮށް މައުލޫމާތުތައް ހިއްސާކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ." މޫސާ ހަލީމް ވިދާޅުވިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މުވައްޒަފުންގެ އުޖޫރައިން ޓެކްސް ނަގަން ފަށާނީ އެޕްރީލްމަހުގެ 1 ވަނަ ދުވަހުން ފެށިގެނެވެ. މި ޤާނޫނުގެ ދަށުން 1 ޖަނަވަރީ 2020 އިން ފެށިގެން ޓެކްސް ނަގަން ފެށުމާއެކު ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން ނަގަމުންދިޔަ ރެމިޓެންސް ޓެކްސް އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ނަގަމުންދިޔަ ލޭންޑް ސޭލްސް ޓެކްސް އުވިގެންދާނެއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން މިހާރު މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އަލުން މީރާގައި ރަޖިސްޓަރީވާކަށް ނުޖެހޭނެކަމަށް ޤަވާއިދުގައި ވަނީ ކަނޑައަޅާފައެވެ. އަދި އެ ފަރާތްތައް އިންކަމް ޓެކްސް ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމުގެ ކަންތައްތައް މީރާއިން ކުރިއަށް ގެންދާނެކަމަށްވެސް މީރާއިން ބުނެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނާއި ޤަވާއިދުގައިވާ ގޮތުން މުވައްޒަފުންގެ އުޖޫރައިން ނެގޭ ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭ ފަރާތްތައް މީރާގައި ރަޖިސްޓަރީކުރުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ. މިގޮތުން، ވަޒީފާ އަދާކުރާ ފަރާތްތައް ޓެކުހަށް ރަޖިސްޓަރީ ކުރަންޖެހޭނީ އުޖޫރައިގެ ގޮތުގައި ފަސްދޮޅަސް ހާސް ރުފިޔާ ލިބޭނަމަ، ނުވަތަ ލިބޭނެ ކަމަށް އަންދާޒާކުރެވޭނަމައެވެ.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ އެންމެހާ ފަރާތްތައް އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު ދަށުން ރަޖިސްޓަރީކުރަން ޖެހެއެވެ.