ވިޔަފާރި

ވިޔަފާރި ރަޖިސްޓްރީކުރާ އުސޫލަށް ބަދަލުތަކެއް


އިމްޕޯޓް މުދާ ވިއްކާ ފިހާރަތަކާއި ސައިހޮޓާތައް ހިންގަން އިކޮނޮމިކް މިނިސްޓްރީން ހުއްދަ ނަގަންޖެހޭ ގޮތަށް އޮންނަ އުޞޫލަށް ބަދަލު ގެނެސްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އާ އުސޫލުގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއްގެ ނަމުގައި ކެފޭ ރެސްޓޯރަންޓެއް ހިންގާނަމަ އިތުރު ހުއްދައެއް ނަގަން ނުޖެހޭނެކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން މިހާރު ބައެއް ވިޔަފާރި ހުއްދަތައް ދޫކުރުން ހުއްޓާލާފައިވާކަމަށެވެ. އެގޮތުން އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ހުއްދައާއި، ސައިހޮޓާ ހިންގުމުގެ ހުއްދައާއި، ރެސްޓޯރަންޓް ހިންގުމުގެ ހުއްދައިގެ އިތުރުން، ކެންޓީން ހިންގުމުގެ ހުއްދަ ދޫކުރުންވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ހުއްޓާލާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މިއިން ވިޔަފާރިއެއް ކުރަން ބޭނުންވާ ފަރާތްތަކުން، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ކުންފުންޏެއް، ޕާރޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓަރީކުރުމަށްފަހު، މިމިނިސްޓްރީން އިތުރު ހުއްދައެއް ނުހޯދައި ވިޔަފާރި ފެށޭނެކަމަށެވެ.

ކުރިން ދޫކުރި ހުއްދަތައް ހުއްޓާލުމާއެކު، އެ ވިޔަފާރިތަކަށް ނަގަމުން އައި މަހު ފީ ނުވަަތަ ޓްރޭޑް ފީ ވެސް މިހާރު ވަނީ ނެގުން ހުއްޓާލައިފައެވެ. ކުރިން އެ ފީތައް ނަގަމުން އައީ އިކޮނޮމިކް މިނިސްޓްރީންނާއި މީރާއިންނާއި ރަށު ކައުންސިލްތަކުންނެވެ.