ވިޔަފާރި

އައްޑޫގައި މަސްޕްލާންޓް ޤާއިމްކުރުމަށް ކޮންސަލްޓަންޓުން ހޯދަނީ


އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ޤާއިމުކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މީގެކުރިންވެސް ވަނީ "ގޭދޮށު މަސް ޕްލާންޓް" ޤާއިމުކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ. ނަމަވެސް އެއްވެސް ފަރާތަކުން މިކަމަށް ޝަޢުޤުވެރިކަން ފާޅުކޮށްފައިނުވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

"ގޭދޮށު މަސް ޕްލާންޓް" ޤާއިމުކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީ ހޯދުމަށް އަނެއްކާވެސް އިޢުލާންކޮށްފައިވާއިރު ގޭދޮށު މަސް ޕްލާންޓް ޤާއިމްކުރަނީ އިންޑިއާ ސަރުކާރުގެ އެހީއެއްގައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ "ގޭދޮށު މަސް ޕްލާންޓް"ގެ މަސައްކަތަށް ކޮންސަލްޓަންސީ ދޭން ޝަޢުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ޖަނަވަރީ 8 ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ބިޑް ޑޮކިއުމެންޓް ލިބޭނެކަމަށް ކައުންސިލް އިދާރާއިން ބުނެއެވެ. އަދި ބިޑް ހުށަހަޅާ ފަރާތްތަކުގެ ބީލަން ބަލައިގަތުމާއި، އަދި ބީލަންހުޅުވުން ޖެނުއަރީ 9 ވަނަ ދުވަހު ކުރިޔަށްދާނެކަމަށްވެސް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.