ޚަބަރު

ކައުންސިލްތަކުގެ ބަޖެޓް ތަންފީޒުކުރުމުގެ ކަންކަން ހިނގާނީ އެޕްލިކޭޝަނެއްގެ ތެރެއިން


ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކާއެކު މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ކައުންސިލްތަކުގެ ބަޖެޓް ތަންފީޒު ކުރުމުގެ ކަންކަން ބަލަހައްޓާނީ އެލްޖީއޭއިން ތައްޔާރުކޮށްފައިވާ އޮންލައިން އެޕްލިކޭޝަނެއްގެ ތެރެއިންކަމުގައި ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ޤާނޫނު ތަންފީޒުކުރުމުގައި އެލްޖީއޭއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ ޤާނޫނު ތަންފީޒުކުރުމުގައި އެއޮފީހުންކުރަންޖެހޭ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރަމުންދާކަމަށެވެ. ޤާނުނަށް ގެނެސްފައިވާ ބަދަލުތަކުގެ އެންމެބޮޑު ބޭނުމަކީ ރައްޔިތުން ފުރުދުންތެރި ކުރުވުންކަމަށެވެ. ސަރުކާރުގެ އެކްޝަން ޕްލޭނުގައިވެސް ކައުންސިލްތަކުން ކުރައްވާ މަަސައްކަތްތަކުން ލޯކަލް އިކޮނޮމީއެއް އުފެއްދުމަކީ ސަރުކާރުގެވެސް އެންމެބޮޑު އަމާޒުކަމަށެވެ.

ކައުންސިލްތަކަށް ޤާނޫނުގެ ތެރެއިން ދޫކޮށްފައިވާ ބާރުތަކާއެކު ބަޖެޓް ތަންފީޒު ކުރުމުގައި ދެފުއްފެންނަ ނިޒާމެއްގެ ތެރެއިން ކަންކަން ކުރެވޭނެ މަގުފަހިކުރުމަކީ އެލްޖީއޭގެ ޒިންމާއެއްކަމަށް ޝަރީފް ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ކައުންސިލްތަކުންވެސް މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ބަޖެޓް ތަންފީޒުކުރެވޭނީ އެލްޖީއޭއިން އެކަމަށް ކަނޑައަޅާފައިވާ އޮންލައިން އެޕްލިކޭޝަނުގެ ތެރެއިންކަމަށެވެ. މީގެ އިތުރުން ޤާނޫނުގައި ބުނާ 5 މިލިޔަން ރުފިޔާއަށްވުރެ މަތީގެ ޕްރޮޖެކްޓްތައް ހިންގާއިރުވެސް އެކަމުގެ ތަފްސީލް ހާމަކުރުމަށް ޚާއްސަ އެޕްލިކޭޝަނެއް ތައްޔާރުކުރެވިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. "ގުނަ"ގެ ނަމުގައި ތަޢާރަފްކޮށްފައިވާ މި އެޕްލިކޭޝަނަކީވެސް ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކާއި ހިނގާ ޚަރަދުތައް ފެންނަން ހުންނާނޭ އެޕްލިކޭޝަނެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޤާނޫނަށް ގެނައި ބަދަލާއެކު ރަށްރަށުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ތަރައްގީގެ ބޮޑެތި ބަދަލުތައް ރަށްރަށުން ފެނިގެންދާނެކަމަށާ، ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު 5 އަހަރުގެ ދައުރެއް ކައުންސިލަރުންނަށް ލިބިގެންދާކަމީ ރަނގަޅު ޕްލޭނެއްގެ ތެރެއިން މަަސައްކަތް ކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެކުރިން ކައުންސިލްތަކުގެ ދައުރު 3 އަހަރަށް އޮތުމުން އެކަށީގެންވާ ގޮތެއްގައި ކައުންސިލަރުންނަށް ތަރައްގީގެ ކަންކަން ކުރުމުގެ ވަގުތުނުލިބޭ ޝަކުވާއަކީ އަބަދުވެސް އެލްޖީއޭއަށްވެސް ލިބެމުންދިޔަ ޝަކުވާއެއްކަމަށެވެ. އަދި ގިނަ ރައްރަށަށް ކައުންސިލަރުން ބޭނުންވި ތަރައްގީ ނުގެނެވެނީސް އެކަށިގެންވާ މުއްދަތެއް ނެތުމުންކަން ފާހަގަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތަކަށް ގެނެވުނު ބަދަލުތަކާއިއެކު ކައުންސިލްތައް ޒިންދާރުކޮށް ހޭލުންތެރިކުރުމަށް އެލްޖީއޭއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާތަނަށް އެ އޮފީހުންވަނީ ރަށްރަށުގެ ކައުންސިލްތަކުގައި މަސައްކަތްކުރައްވާ ސިވިލް ސްޓާފުންނަށް އަމާޒުކޮށްގެން ޚާއްސަ ޕްރޮގުރަމުތަކެއްވެސް ހިންގާފައެވެ.