ޚަބަރު

ޅޮހީ ކައުންސިލްގެ ޝަކުވާތައް ރައީސްއާއި ހިއްސާކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލަރުންނާ ބައްދަލުކުރައްވައިފި.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ޅޮހީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި، ކުރިޔަށް ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި، ރަށުގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ޅޮހީ ކައުންސިލުންވަނީ ރަށުގައި ހުރި މިސްކިތުގެ ޖާގައިގެ ދަތިކަމާއި، ޞިއްޙީ މަރުކަޒު ހިންގުމުގައި ދިމާވާ ދަތިތަކާއި، ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި، ރަށުގައި ހުރި ސަރުކާރު އޮފީސް ތަކުގެ އިމާރާތްތަކުގައި ދިމާވާ ކަރަންޓުގެ މައްސަލަތަކާއި، ބަނދަރު ކުޑަވުމުން ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ވީ އެންމެ އަވަހަކަށް، ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރަށްރަށުގެ ކައުންސިލަރުންނާއި ބައްދަލުކުރައްވާ ރަށުގެ ޙާލަތު ގާތުން ދެނެގަތުމުގެ މަސައްކަތްޕުޅު ކުރައްވަމުންނެވެ. އެގޮތުން މިހާތަނަށް 100އަށްވުރެ ގިނަ ރަށުގެ ކައުންސިލަރުންނާވަނީ ބައްދަލުކުރައްވާފައެވެ.