ޚަބަރު

ޕްރައިމަރީގެ ވާދަވެރިކަން ބޮޑު - އެމްޑީޕީ


ކައުންސިލް އިންތިޚާބްގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް މިހާތަނަށް 100އަށްވުރެ ގިނަބޭފުޅުން ފޯމު ހުށަހަޅުއްވާފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.

ކައުންސިލް އިންތިޚާބްގައި އެމްޑީޕީގެ އިންތިޚާބީ ކަންކަން ބަލަހައްޓަވާ އޮފިޝަލަކު ވިދާޅުވީ ފޯމް ހުށަހެޅުއްވުމަށްޓަކައި ވަރަށްގިނަ ޢަދަދެއްގެ ބޭފުޅުން މިއަދުވެސް ޕާޓީގެއޮފީހަށް ވަޑައިގެން ފޯމްތައް ހުށަހަޅުއްވަމުންގެންދަވާ ކަމަށެވެ. މިމަހުގެ 10ވަނަ ދުވަހާހަމައަށް ކައުންސިލް އިންތިޚާބްގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތުވަނީ ވަނީ ހުޅުވާލާފައެވެ.

މިހާތަނަށް ހުށަހަޅުއްވާފައިވާ ފޯމްތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދަކަށް ފޯމްތައް ހުށަހަޅުއްވާފައިވަނީ ރަށު ކައުންސިލްތަކަށް ވާދަކުރެއްވުމަށެވެ. ރަށު ކައުންސިލަރުކަމަށް 78 ބޭފުޅަކު ފޯމް ހުށަހަޅުއްވާފައިވާއިރު، އައްޑޫ ސިޓީ ކައުންސިލަށް 16 ބޭފުޅަކު ފޯމްހުށަހަޅުއްވާފައިވެއެވެ.

މާލެސިޓީ ކައުންސިލާއި ފުވަމުލަށް ސިޓީ ކައުންސިލްގެ އިތުރުން އަތޮޅު ކައުސިލްތަކަށް ކުރިމަތިލައްވާ ބޭފުޅުންވެސް ފޯމް ހުށަހަޅަމުންދާކަމަށް އެމްޑީޕީން މަޢުލޫމާތުދެއެވެ. މިހާތަނަށް ލިބިފައިވާ ފޯމްތަކާއި އަތޮޅުތަކުން ލިބެމުންދާ ފޯމްތަކަށް ބަލާއިރު ކުރިއަށް އޮތް 3 ދުވަހެއްގެ ތެރޭގައި ކައުންސިލް އިންތިޚާބްގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ ބޭފުޅުންގެ ޢަދަދު ވަރަށްބޮޑަށް އިތުރުވެގެންދާނެކަމަށް އެޕާޓީން ބުނެއެވެ.

އެމްޑީޕީގެ ޕްރައިމަރީއަކީ މިފަހަރުގެ ކައުންސިލް އިންތިޚާބްގައި އެންމެ ގިނަ މެމްބަރުން ކުރިމަތިލައްވާނެ އިންތިޚާބްކަމަށް ބެލެވެއެވެ. އެމްޑީޕީން ބުނެފައިވަނީ ޕްރައިމަރީގައި ވޯޓްލެވޭ ފަރާތްތަކުގެ ފައިނަލް ވޯޓާސްލިސްޓް އާންމުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15ވަނަ ދުވަހުކަމަށެވެ. ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31ވަނަ ދުވަހުއެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ތާރީޚަކީ އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހެވެ. ޤާނޫނަށް ގެނައި ބަދަލާއެކު މިފަހަރުގެ ކައުންސިލް އިންތިޚާބްގައި 980 ކައުންސިލަރުން އިންތިޚާބްކުރާނެއެވެ.