ޚަބަރު

އަލިގަދަ ތަރިންނާއި ޕޮލިސް ކޮމިޝަނަރ ބައްދަލުކުރެއްވުން


ޓީވީއެމުން ގެނެސްދޭ އެންމެ
އަލިގަދަ ތަރި ޕްރޮގްރާމްގައި މިހާރު ވާދަކުރަމުންދާ ފަސް ބައިވެރިންނާއި
ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ބައްދަލުކުރައްވައިފިއެވެ.



އިސްކަންދަރުކޮށީގައި ބޭއްވި
ޚާއްސަ ތަރާވީހުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދާއި ފުލުހުންގެ އިސް
އޮފިސަރުންނާއި، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަަދު ޒިޔާދު ބާޤިރާއި އިކޮނޮމިކް
މިނިސްޓަރ މުޙައްމަދު ސައީދު ވަނީ މިބައްދަލުކުރެެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ. މިބައްދަލުވުމުގައި
ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ޤުރުއާން ކިޔެވުމުގެ ފަންނު
އާލާކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރާއި މަދަނީ ޖަމާއަތްތަކާއި
ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުން ގުޅިގެން ކުރަމުން ގެންދާ މަސައްކަތުގެ
ތެރެއިން އެންމެ އަލިގަދަ ތަރި މުބާރާތަކީ ވަރަށް ޚާއްސަ މުބާރާތެއް ކަމަށް ވިދާޅުވިއެވެ.
އަދި މިމުބާރާތް ބާއްވަން ފެށުމުން ރާއްޖޭގައި ތަޖުވީދުގެ ހަމަތަކާ
އެއްގޮތަށް ޤުރުއާން ކިޔެވުމަށް ކުރަމުން ގެންދާ މަސައްކަތް އިތުރުވެގެން ގޮސްފައިވާ ކަމަށް
ކޮމިޝަނަރ ވިދާޅުވިއެވެ. މީގެ އިތުރުން ކޮމިޝަނަރ ވަނީ މުބާރާތުގެ ބައިވެރިންނާއި
ވަކިވަކިން ބައްދަލުކުރައްވާ ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި
މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ނަމުގައި ތަހުނިޔާ އަދާކުރައްވާ
ހިތްވަރުދެއްވާފައެވެ.

ކޮންމެ އަންގާރަ ދުވަހަކާއި ހުކުރު ދުވަހުގެ ރޭ ޓީވީއެމުން
ގެނެސްދޭ އެންމެ އަލިގަދަ ތަރި ޕްރޮގްރާމްގެ ފައިނަލްގައި ވާދަކުރާނީ ތިން
ބައިވެރިންނެވެ. އަދި މުބާރާތުން އެއްވަނަ އަށް އަންނަ ފަރާތަކަށް ޓީވީއެމުން
އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މި މުބާރަތަށް
އަމިއްލަ ފަރާތްތަކުންވެސް އިނާމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިވެއެވެ.

 މުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ ސަތާރަވާ ހުކުރުވަނަ ދުވަހުގެ ރޭގައެވެ.