ވިޔަފާރި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ކުއްލިއަކަށް އުފުލިފައިވަނީ އެމެރިކާއިން ހަމަލާދީ އިރާނުގެ ޖެނެރަލެއް މަރާލުމާއި ގުޅިގެނެވެ.

ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ކުއްލިއަކަށް 3 އިންސައްތަ މައްޗަށް ގޮސްފައިވާއިރު މިއީ ސެޕްޓެންބަރު މަހަށް \ފަހު ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ. މިކަމާގުޅިގެން ތެޔޮ ފީފާއެއްގެ އަގު ވަނީ 69.50 ޑޮލަރަށް އަރާފައިވެއެވެ.

ތެލުގެ އަގަށް ބަދަލު އައުމާއި ގުޅިގެން ލަންޑަން ސްޓޮކް އެކްސްޗޭންޖުގައި ތެލުގެ ސްޓޮކްގެ އަގުވެސް މަތިވިއެވެ. މިގޮތުން ބީޕީގެ ސްޓޮކް 2.7 އިންސަތަ މައްޗަށް ދިޔައެވެ. އަދި ރޯޔަލް ޑަޗް ޝެލްގެ އަގުވެސް 1.9 އިންސައްތަ މައްޗަށް ދިޔައެވެ. ނަމަވެސް އެމެރިކާއާއި އީރާނާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަން މިހާރަށްވުރެ ބޮޑުނުވެ، ހައްލުވާނެކަމަށް ތެލުގެ ބާޒާރާއި ސްޓޮކް މާކެޓްތަކުގައި ހަރަކާތްތެރިވާ އިންވެސްޓަރުން އުންމީދުކުރެއެވެ.

ޕީޓަރސަން އިންސްޓިޓިއުޓް ފޮރ އިންޓޭނޭޝަނަލް އިކޮނޮމިކްސްގެ ސީނިއަރ ފެލޯ އަދި އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑުން ކުރިން މެދުއިރުމައްޗަށް ކަނޑައަޅާފައިހުރި ޑެޕިއުޓީ ޑިރެކްޓަރ އަދްނާން މަޒަރައި ވިދާޅުވީ މިމައްސަލަ ހައްލުނުވެ، އަސްކަރީ ކުރިމަތިލުންތަކަކަށް ބަދަލްވެއްޖެނަމަ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މިހާރަށްވުރެވެސް މަތިވާނެކަމަށެވެ.

މެދުއިރުމައްޗަކީ ދުނިޔޭގެ އެންމެ ގިނަ އަދި ބޮޑެތި އޮއިލް ޕްރޮޑިއުސަރުން ތިބި ސަރަހައްދެވެ. މިފަދަ ހަމަނުޖެހުންތަކެއްގެ ސަބަބުން ބައިނަލްއަޤްވާމީ މާރކެޓުގައި ތެލުގެ އަގު ވަރަށް ބޮޑަށް މައްޗަށްދާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެމެރިކާގެ އެނާރޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަނުން އަންދާޒާކުރާ ގޮތުގައި 2018 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ވިއްކި ތެލުގެ 21 އިންސައްތަ އައިސްފައިވަނީ ސައުދީ، އިރާޤް، ކުވެއިތް، ޔޫއޭއީ އަދި ޤަތަރުންނެވެ. އަދި ގަލްފްގެ ސަރަހައްދުގައި އުފެދޭ ހަމަނުޖެހުންތަކުގެ ސަބަބުން މިޤައުމުތަކުން ތެޔޮ ބޭރުކުރާ ސްޓްރެއިޓް އޮފް ހޮރްމުޒް ޕެސެޖްގެ ރައްކާތެރިކަން ގެއްލި، ތެލުގެ ވިޔަފާރިއަށް ބޮޑު ލޮޅުމެއް އަންނާނެއެވެ.