ޚަބަރު

މިއަހަރުގެ ތެރޭގައި ޗައިނާއާއި ގުޅިގެން އައު މަޝްރޫޢުތަކެއް ހިންގުމަށް ބޭނުންވޭ - ޚާރިޖީ ވަޒީރު


މިއަހަރުގެ ތެރޭގައި ޗައިނާ އާއި ގުޅިގެން އައު މަޝްރޫޢުތަކެއް ހިންގުމަށް ބޭނުންވާކަން ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ދިވެހި ސަރުކާރުން ހާމަކޮށްފައިވާއިރު، ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލްގައި ލޮލުގެ ބަލިތަކުގެ ފަރުވާއަށް ޙާއްސަ ސެންޓަރެއް ހުޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޗައިނާ ސަރުކާރުން ހުޅުމާލެ ހޮސްޕިޓަލްގައި ތަރައްޤީކުރާ ލޮލުގެ ބަލިތަކަށް ޙާއްސަ ސެންޓަރުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރެއްވި ޓުވީޓް ރިޓުވީޓް ކުރައްވާ ރާއްޖޭގެ ޚާރީޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ޗައިނާއިން ޒަމާނުއްސުރެ ރާއްޖެ އާއިއެކު ބާއްވާ ގާތް ގުޅުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވަނީ، އަލަށް ތަރައްޤީކުރާ ލޮލުގެ ބަލިތަކަށް ޙާއްސަ ސެންޓަރަކީ ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝަހިދު ކުރެއްވި ޓުވީޓްގައި އެމަނިކުފާނު ވަނީ، މިއަހަރުގެ ތެރޭގައި ޗައިނާއާއި ގުޅިގެން އައު މަޝްރޫޢުތަކެއް ހިންގުމަށް ބޭނުންވާކަން ހާމަކުރައްވާފައެވެ. ޗައިނާ ސަފީރު ޒޭންގް ލީޒޮންގް ކުރެއްވި ޓުވީޓްގައި ލޮލުގެ ބަލިތަކުގެ ފަރުވާއަށް ޚާއްސަ ސެންޓަރު ހިންގުމާއި ހަވާލުވި ޓީމުގެ ލީޑް ޑރ. ޗެން ވެއިރޮންގްއަށް ތަޢުރީފު ކުރައްވާފައި ވާއިރު، މިނިސްޓަރ ޝާހިދު ވެސް ވަނީ އެކަމަނާއަށް ހޫނު މަރުހަބާއެއް ވިދާޅުފައެވެ.

ޗައިނާގެ ޒޮންގްޝެންގް އޮފްތަލްމިކް ސެންޓަރގެ ޓީމެއް އިސްކޮށް ހިންގާ މި ސެންޓަރަކީ ރާއްޖޭގައި މިފަދަ ބަލިތަކަށް ޚާއްސަކޮށްގެން ފަރުވާދޭ ފުރަތަަމަ ސެންޓަރެވެ. މި ސެންޓަރުން އާންމުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންވަނީ ނިންމާފައެވެ. އެގޮތުން ޒޮންގްޝަން އައި ސެންޓަރުގެ ތަޖުރިބާކާރުންގެ ޓީމެއް ހަރަކާތްތެރިވާ މި ސެންޓަރުގައި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ފަރުވާ ދިނުމަށް ވިސްނާފައިވާކަމަށް ޗައިނާ ސަފީރު ހާމަކުރެއްވިއެވެ.

ޗައިނާއާއި ގުޅިގެން މިއަހަރުގެ ތެރޭ މަސައްކަތް ކުރަން ބޭނުންވާކަން ދިވެހި ސަރުކާރުން ހާމަކުރައްވާފައިވާއިރު، މިދިޔަ އަހަރުގެ ތެރޭ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާ އާއި ދެމެދު 3 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ރާއްޖެއާއެކު ޗައިނާއިން ސޮއިކޮށްފައިވަނީ ޗައިނާގެ ފޮރިން މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއާ ދެމެދު އެއްބާރުލުންދީ ގުޅުން ބަދަހި ކުރުމާއި ކުޅިވަރުގެ ދާއިރާއިން ދެޤައުމުގެ ސަރުކާރުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމާ ގުޅޭ އެއްބަސްވުމަކާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ވެވުނު އެގްރިމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެއްބަސްވުމެވެ.