ޚަބަރު

މާލޭ މަގުތަކުގައި ލެޑް ލައިޓް ބޭނުންކުރަން ފެށުމުން ޚަރަދު ކުޑަ ވެއްޖެ: ޝަމާއު


މާލޭ މަގުތަކުގައި ބޭނުން ކުރަންފެށި ލެޑް މަގު ބައްތިތަކުގެ ސަބަބުން، މަގުތައް އަލިކުރުމަށް ކައުންސިލުން ކަރަންޓަށް ކުރާ ހޭދަ 40 އިންސައްތަ ކުޑަކުރެވިފައި ވާކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ސިޓީކައުންސިލުން ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ މަގުބައްތިތައް ލެޑްލައިޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ %99 މަސައްކަތް ނިމިފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކުގެ ތަފްސީލް ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ހިއްސާކުރައްވަމުން، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ، މާލެއަކީ ކުއްކުރުން މަދު ރައްކާތެރި ތަނަކަށް ހެދުމަށް ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ. އެގޮތުން މާލޭ މަގުތަކަކީ އަލި އަމާން ތަނަކަށް ހެދުމަށް ކުރާ މަސައްކަތަށް އެ މަޝްރޫއުގެ ސަބަބުން އެދެވޭ ކުރިއެރުންތަކެއް ލިބިފައިވާކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ޝަމާއު ވަނީ މާލޭގެ މަގުތަށް އަލިކުރުމަށް މީގެ ކުރިން މިލިއަނެއްހާ ރުފިޔާ ޚަރަދުވި ކަމުގައިވިޔަސް، އަލަށް ބޭނުންކުރަން ފެށި ލެޑް ލައިޓްތަކުގެ ސަބަބުން މި ޚަރަދު 40 އިންސައްތަ ކުޑަކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

"މާލެ މަގުތަށް އަލިކުރުމަށް މިލިއަނެއްހާ ރުފިޔާ ޚަރަދުވޭ. އަޅުގަނޑުމެން މިހާރު މި ފެށި މަސައްކަތުން މިހާރު 99 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މިކަމުން މިކަމަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ގޮސްފައިވޭ. އެގޮތުން 40 އިންސައްތައިން ދަށަށް ގޮސްފައިވޭ." ޝަމާއު ވިދާޅުވިއެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ވަނީ ލެޑް ލައިޓްތަށް ހަރުކޮށްގެން މާލޭ މަގުތަށް އަލިކުރަމުންދާއިރު، މަގުބައްތި ތަކަށް ކުރިން ބޭނުންކުރި ކޭބަލްތަށް ބާވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. މި މައްސަލަ ހައްލުކޮށް މާލޭގެ ހުރިހާ މަގުތަކެއްގެ މަގު ބައްތިތައް އެއް ވިއުގަޔަކުން ގުޅާލުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތް ކުރިއަށްއޮތް 6 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ލަފާކޮށްފައިވާއިރު، މި ވިއުގައިގެ ސަބަބުން މަގު ބައްތިތައް މޮނީޓަރ ކުރުމުގައިވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ޝަމާއު ވަނީ ވިދާޅުވެފައެވެ.

"މި ވިއުގައިގެ ސަބަބުން ވަކިވަކިން ބޮކި ބަލާ މޮނީޓަރ ކުރާކަށް ނުޖެހޭނެ. ފޯލްޓީ ބޮކިތަށް ރިމޯޓްކޮށް ބަލާލެވި، މައްސަލަ ހައްލުކުރުމުގެ ޕްރޮސެސް އަވަސްވެގެންދާނެ. މި ވިއުގައިގެ މަސައްކަތް ނިންމާ މުޅި ޕްރޮޖެކްޓް ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ." ޝަމާއު ވިދާޅުވިއެވެ.

މާލެ ސިޓީގެ މަގުތަކުގައި ލެޑް ބޮކިތައް ހަރުކުރުމަށް، ފަށާފައިވާ މަޝްރޫއަކީ ހަކަތަ އެފިޝަންޓް ކުރުން ނުވަތަ ސަމަކާރަ ކުރުމާއި އިޢާދަކުރަނިވި ހަކަތައާ ގުޅޭގޮތުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި އިންޑިއާގެ އެނަރޖީ އެފިޝިއަންސީ ސަރވިސް އާއި ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން މާލޭގެ މަގުތަކުގައި ހަރުކޮށްފައިހުރި 2500 މަގު ބައްތިތަކުގެ ބޮކިތައް ތިމާވެއްޓާ ރައްޓެހި ލެޑު ބޮތްކަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބޮކިތަކަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ތަކެއްޗެވެ.

ރާއްޖޭއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދެލައްކަ އެނަރޖީ ސޭވިންގ ބޮކި ގޭބިސީތަކަށް ބެހުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި މިހާރު ވަނީ ބޮކިތައް ގޭބިސީތަކަށް ބެހުމަށްޓަކައި ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތަކާއި ހަވާލުކޮށްފައެވެ. މިމަޝްރޫޢުގެ ސަބަބުން ކަރަންޓަށް ކުރާ ހޭދަ އެތައް ގުނައަކުން ކުޑަ ކުރެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.