ޚަބަރު

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ރާއްޖެ ވަޑައިގަންނަވަނީ


އިސްލާމީ ދުނިޔޭގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވީ އެމިނިސްޓްރީގެ ދަޢުވަތަކަށް މުފްތީ މެންކް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14އިން 18އަށް ކަމަށެވެ. އަދި މިދަތުރުފުޅުގައި މާލޭގެ އިތުރުން އައްޑޫސިޓީ އާއި ކުޅުދުއްފުށި ސިޓީގައި ދަރުސްދިނުމަށްވަނީ ހަމަޖެހިފައެވެ. މުފްތީ މެންކްގެ މިދަތުރުފުޅުގައި ޒުވާނުންނަށާއި ދީނީ ޢިލްމުވެރިންނަށް ޚާއްސަކޮށްގެން ދީނީ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކުވަނީ މީގެ ކުރިންވެސް ރާއްޖެ ވަޑައިގަންނަވާފައެވެ. އެގޮތުން 2016 ވަނަ އަހަރު ވަޑައިގެންފައިވާއިރު ދީނީ ހައްދުފަހަނައަޅާ ދިއުމާގުޅޭގޮތުން އޭރުގެ ޑިފެންސް މިނިސްޓަރާއެކު ވަނީ މަޝްވަރާތަކެއްވެސް ކުރައްވާފައެވެ. މީގެއިތުރުން 2018 ވަނަ އަހަރުވެސް މުފްތީ މެންކުވަނީ ރާއްޖެ ވަޑައިގެން މާލޭއާއި އައްޑޫގައި ދީނީ ދަރުސްތަކެއް ބާއްވާފައެވެ.

މުފްތީ މެންކު ފާހަގަކުރެވެނީ މުޖުތަމަޢުތަކުގައި ހުރި ގިނަ މައްސަލަތަކާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވާ އިސްލާމީ ރިވެތި އަޚްލާގު ދަސްކޮށްދެއްވުމަށްޓަކައި ސޯޝަލް މީޑިއާގައިވެސް ޙަރަކާތްތެރި ބޭފުޅެއްގެ ގޮތުގައެވެ.