ޚަބަރު

އަދީބު ފިއްލެވި މައްސަލައިގެ ހުކުމް މިރޭ ނިމުނަސް އަދީބު މިނިވަނެއް ނުވާނެ - އަދީބްގެ ލޯޔަރު


ފުރުން މަނާ ކޮށްފައި ވަނިކޮށް، ފިއްލަވައިގެން ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިއްވާފައިވާ 3 މަހާއި 18 ދުވަހުގެ ހުކުމް މިރޭ ނިމުނު ނަމަވެސް، އަދީބު މިނިވަން ނުވާނެކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އަދީބްގެ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ، އަދީބަށް އިއްވާފައިވާ 3 މަހާއި 18 ދުވަހުގެ ހުކުމް ތަންފީޒްކޮށް ނިމުނު ނަމަވެސް ކްރިމިނަލް ކޯޓުން އިއްވާފައިވާ އެހެން ހުކުމެއް މިރެއިން ފެށިގެން އަދީބު ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. ކްރިމިނަލް ކޯޓުން އަދީބު ބަންދުގައި ބައްހައްޓަން ކޮށްފައިވާ ހުކުމަކީ ޚިޔާނާތުގެ ދައުވާތަކާގުޅިގެން ކޮށްފައިވާ ހުކުމެކެވެ، ކްރިމިނަލް ކޯޓުންކޮށްފައިވާ ހުކުމުގައި ވަނީ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

އަދީބަށް ޖަލުހުކުމްތަކެއް އައިސްފައިވީނަމަވެސް އޭނާގެ ހާލުކޮޅު ހުރިގޮތުން ހުކުމް ތަންފީޒު ކުރަމުންދަނީ ކަރެކްޝަންގެ ބެލުމުގެ ދަށުން ގޭބަންދުގައި ހުންނަވައިގެންނެވެ. އަދީބު ޓަގު ބޯޓެއްގައި ފިއްލަވައިގެން އިންޑިޔާގެ ޓުޓުކޮރިންއަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖުލައިމަހުގެ 27 ވަނަ ދުވަހުގައެވެ.

އަދީބްގެ މައްޗަށް މީގެ ކުރިންވަނީ އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަނާގުޅޭ ބައެއް މައްސަލަތަކާއި ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލަ ސާބިތުވުމާއި ގުޅިގެންނެ 33 އަހަރުގެ ޖަލުހުކުމެއް އިއްވާފަ. ނަމަވެސް ފަހުން ހައި ކޯޓާއި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމްތައް ބާތިލްކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ފަސް އަހަރުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.