ޚަބަރު

ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުވެސް އޮންނާ - އެމްޑީޕީ


ލޯކަލް ކައުންސިލް އިންތިޚާބްގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ ބޭފުޅުންނަށް މިއަދުވެސް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައި އޮތްކަމަށް އެޕާޓީން ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ ބޭފުޅުން ފޯމް ހުށަހެޅުއްވުމަށް ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ފޯމު ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ މިމަހުގެ 10ވަނަ ދުވަސް ކަމުގައި އެޕާޓީންވަނީ ކަނޑައަޅާފައެވެ. މިއަދަކީ ހުކުރު ދުވަސްކަމުގައި ވީނަމަވެސް ފޯމް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް މިއަދުވެސް 2 އިން 6 އަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެމްޑީޕީން ވިދާޅުވެއެވެ.

ލޯކަލްކައުންސިލް އިންތިޚާބުގެ ރަށުކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެޕާޓީގެ ކެންޑިޑޭޓުން ކަނޑައެޅިގެންދާނީ މިމަހުގެ 31ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީންނެވެ.

ކައުންސިލް އިންތިޚާބަށް އެމްޑީޕީން ތައްޔާރުވަމުންދާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއި، އިދިކޮޅު ޕީޕީއެމް ޕީއެސްސީ ކޯލިޝަނުންވެސް ވަނީ ކައުންސިލް އިންތިޚާބަށް އެޕާޓީތަކުގެ ޓިކެޓްގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައެވެ. ނަމަވެސް މިހާތަނަށް ޕްރައިމަރީއަކުން ޓިކެޓް ދިނުމަށް އިއުލާންކޮށް ޕްރައިމަރީއެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީއެވެ.

ކައުންސިލް އިންތިޚާބް އޭޕްރީން 4ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަނުން ނިންމާފައިވާއިރު، މިފަހަރުގެ އިންތިޚާބުގައި އެއްފަހަރާ 5 ވޯޓެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިއިންތިޚާބްގައި އެކިދާއރާތަކުން 982 މީހަކު އިންތިޚާބްކުރާނެއެވެ.