ވިލިނގިލީ ފެރީ ޓަރމިނަލް ސަރަޙައްދުގައި ހުރި ބޮޑު ދިއްގާ ގަސް ނެގީ، އެ ގަސް ވެއްޓި ގެއްލުމެއް ވެދާނެތީ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފް ވިދާޅުވީ ގަސް ކަނޑާލުމަށް ނިންމީ އެގަހަކީ ގިނަދުވަސްވެ ގަހުގެ މަދު ފީވެފައިވާ ގަހަކަށްވާތީ، ގަސް ވެއްޓުމުގެ ފުރުސަތު ބޮޑުވުމުން ކަަމަށެވެ. އަދި އެގަސް މިހާތަނަށްވެސް ނުވެއްޓި ހުރީ ކައރީގައި ހުރި އިމާރާތެއްގައި ގޮފިތައް ވިދިފައި ހުރުމުން ކަމުގައި ޝަމާޢު ވިދާޅުވިއެވެ.
އަދި އެ ގަސް ކަނޑާލުމުގެ ހުއްދަ ދީފައި ވަނީ އީޕީއޭއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށްވެސް ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.
ޓާމިނަލް ކުރިމަތީގައި ހުރި ގަސް ކަނޑާލާފައި ވާތީ ބައެއް އާއްމުން ދަނީ އެކަމުގެ ޝަކުވާތައް ކުރަމުންނެވެ. ފެހި ރަށެއްގެ ގޮތުގައި ތަރައްޤީކުރާ ވިލިމާލެއިން ގަސް ކެނޑުމަކީ ތިމާވެއްޓަށް ގެއްލުންވާނެ ކަމެއްކަމަށްބުނެ ބައެއް މީހުން ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށްފައި ވެއެވެ.
ވިލިމާލޭ ފެރީ ޓާމިނަލް ސަރަޙައްދުގައި ވާރޭ ވެހޭ ދުވަސްވަރު ފެންބޮޑުވާތީ އެކަން ޙައްލުކުރުމަށް އެ ސަރަަޙައްދުގައި އަޅާފައިވާ ގާތައް ނަގައި ފެން ހިންދޭނެގޮތްވެސް ސިޓީކައުންސިލުން ދަނީ ހަދަމުންނެވެ. ޝަމާޢު ވިދާޅުވީ ގަސް ކެނޑުމާއި މި މަޝްރޫއާއި އެއްވެސް ގުޅުމެއް ނެތްކަމަށެވެ.
ވިލިނގިލީގައި ދާދިފަހުންވެސްވަނީ މިގޮތަށްހުރި ގަހެއް ވެއްޓި ޓެކްސީއަކަށް ގެއްލުންވެފައެވެ.
ޝަމާއު ވިދާޅުވީ ކުރިއަށް އޮތްތާންގައިވެސް ވިލިމާލެ ތަރައްޤީ ކުރަމުން އަންނަނީ ފެހި ޖަޒީރާވަންތަ ތަނެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ކަނޑާލާ ކޮންމެ ގަހަކަށް އިތުރަށް ގަސް އިންދުމުގެ އުސޫލެއްވެސް ގެންގުޅޭކަމަށް އޭނާ ވިދާޅުވިއެވެ.