ޚަބަރު

މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުންގެ ވާދަވެރިކަން ބޮޑުވަނީ


އޭޕްރީލް މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީގެ ދަރަޖަ ދީފައިވާ 4 ސަރަހައްދުގައިވެސް މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ ބޭފުޅުންގެ ޢަދަދު ގިނަވެ ވާދަވެރިކަންވަނީ ބޮޑުވެފައެވެ. މީގެ ތެރެއިންވެސް މާލެސީޓީއާއި، އައްޑޫސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުންގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކާއިއެކު ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުންދަނީ ތައްޔާރީތައްވަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ކައުންސިލް އިންތިޚާބުގައި ސިޓީތަކާއި ރަށްތަކުގައި ހިމެނޭ އިންތިޚާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތައް ބަހާފައިވާ ގޮތާއި، އެ އިންތިޚާބީ ދާއިރާތަކުގެ ސަރަޙައްދުތައް ކަނޑައަޅާފައެވެ.

ކައުންސިލް އިންތިޚާބްގައި އެންމެބޮޑަށް ވާދަވެރި ވެގެންދާނެކަމަށް ބެލެވެނީ ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ އިންތިޚާބެވެ. ވެރިކަންކުރާ މާލޭގެ މޭޔަރުކަމަށް ގިނަބޭފުޅުންތަކެއް ޝައުގުވެރިކަން ފާޅުކުރަމުންދާއިރު އޭގެތެރޭގައި މިހާރުގެ މާލެ ސިޓީކައުންސިލްގެ މެމްބަރުންވެސް ހިމެނެއެވެ. މާލެ ސިޓީގެ މޭޔަރަކަށް މިހާރުވެސް މޭޔަރުކަން ކުރައްވާ ޝިފާ މުހައްމަދު ވަނީ ކުރިމަތިލައްވާނެކަމަށް އިއުލާންކުރައްވާފައެވެ. ޝީފާގެ އިތުރުން ސިޓީކައުންސިލްގެ ޑެޕިއުޓީމޭޔަރު ޝަމާއު ޝަރީފާއި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ ކައުންސިލަރު އަހްމަދު ނިޔާޒްވެސްވަނީ ކުރިމަތިލައްވާނެކަން އިއުލާންކުރައްވާފައެވެ. މިތިންބޭފުޅުންނަކީވެސް ވެރިކަންކުރާ އެމްޑީޕީގެ ޑިކެޓަށް ވާދަލުރައްވާ ބޭފުޅުންނަށްވާއިރު މިބޭފުޅުންގެ ޕްރައިމަރީއަކީ ވަރަށް ވާދަވެރިވާނެކަމަށް ސޯޝާލްމީޑިޔާގެ ޕޯސްޓްތަކުންވެސް ހާމަވެއެވެ.

މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާ ބޭފުޅުންގެ ތެރޭގައި ދެންހިމެނެނީ އިދިކޮޅު ޕީޕީއެމްޕީއެންސީގެ ފަރާތުން ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒުއާއި، މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަމަށް ވާދަކުރެއްވި އަލްހާން ފަހުމީވެސް ވަނީ ވާދަކުރައްވާނެކަން އިޢުލާންކުރައްވާފައެވެ. މާލެސިޓީ ކައުންސިލަށް މޭޔަރާއިއެކު 19 ކައުންސިލަރުން އިންތިޚާބް ކުރެވިގެންދާނެއެވެ.

ސިޓީ ކައުންސިލްގެ ތެރެއިން މާލެފިޔަވައި ދެން އެންމެބޮޑު އާބާދީއެއް ހިމެނޭ އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވެރިކަންކުރާ އެމްޑީޕީގެ ނުފޫޒުގަދަ ދެބޭފުޅަކު ވާދަކުރައްވާނެކަންވަނީ ހާމަކުރައްވާފައެވެ. މިދެބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޖެހިޖެހިގެން 3 ދައުރު އައްޑޫ ސިޓީކައުންސިލްގެ މޭޔަރުކަން ކުރައްވި އަދި އަދި މިހާރުވެސް މޭޔަރުގެ މަޤާމު ފުރުއްވަމުންދާ އަބްދުﷲ ޞާދިގު (ސޯބެ) އާއި، 18ވަނަ ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަން ފުރުއްވި އަލީ ނިޒާރެވެ. އައްޑޫ ސިޓީ ކައުންސިލަށް މޭޔަރާއިއެކު އިންތިޚާބްކުރެވިގެންދާނީ 12 ކައުންސިލަރުންނެވެ.

ފުވަށްމުލަކު ސިޓީގެ މޭޔަރުގެ މަޤާމަށްވެސް ގިނަ ބޭފުޅުންތަކެއް ދަނީ ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ. މީގެ ތެރެއިންވެސް އެންމެބޮޑަށް ފާހަގަކުރެވޭ އެއްބޭފުޅަކީ މިހާރުވެސް އެމަޤާމު ފުރުއްވަމުންދާ އަބްދުﷲ ފަލާހް ޝަރީފެވެ. އޭނާޔާއި ވާދަކުރެއްވާނެ ބައެއްބޭފުޅުންވެސް މިހާރު ގެންދަވަނީ އިއުލާންކޮށް ތާއީދުހޯދުމުގެ މަސައްކަތްކުރައްވަމުންކަމަށެވެ. ފުވައްމުލަކު ސިޓީއަށް އިންތިޚާބް ކުރުމަށް ހަމަޖެހިފައިވަނީ 9 ކައުންސިލް މެމްބަރުންނެވެ.

މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ސިޓީގެ ދަރަޖަ ދިން ކުޅުދުއްފުށީ މޭޔަރުގެ މަޤާމަށް އަދި މާބޮޑު ވާދަވެރިކަމެއް ނުފެނެއެވެ. ނަމަވެސް ކުރިއަށްއޮތް މަދުދުވަސްތަކުގެ ތެރޭގައި އެސިޓީގެ މޭޔަރުކަމުގެ މަޤާމަށްވެސް ގިނަބަޔަކު ކުރިމަތިލައި ވާދަވެރިކަން ބޮޑުވެގެންދާނެކަމަށްބެލެވެއެވެ. ކުޅުފުށި ސިޓީ ކައުންސިލަށް އިންތިޚާބް ކުރުމަށް ހަމަޖެހިފައިވަނީ މޭޔަރާއިއެކު 7 ކައުންސިލަރުންނެެވެ.

ޤާނޫނީ ގޮތުން ބޮޑެތި ބާރުތަކާއި އިޚްތިޔާރުތައް ކައުންސިލްތަކަށް ދޫކޮށްފައިވާއިރު މިމަސައްކަތަކީ ޒިންމާބޮޑު މަސައްކަތެއްކަމުގައި ސަރުކާރުންވަނީ ބުނެފަ. އަދި ކުރިން ކައުންސިލަރުން ރައީސުްލ ޖުމްހޫރިއްޔާއާއި ކުރައްވާ ސުވާލުތައް ދެން އެމަނިކުފާނު ކައުންސިލަރުންނާއި ކުރިމަތިކުރުވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާވެސް ވަނީ ވިދާޅުވެފައެވެ.

ކައުންސިލް އިންތިޚާބު އަންނަ އޭޕްރީން 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މިފަހަރުގެ އިންތިޚާބް ވެގެންދާނީ ރާއްޖެ ބަދަލުކުރުވާނެ ފަދަ އިންތިޚާބެއްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި މިބާރުތަކާއި އިޚްތިޔާރުތަކާއެކު ރަށްތަކަށް ބޮޑެތި ތަރައްގީތަކެއް އަންނާނެކަމަށް ސަރުކާރުން ދެކެއެވެ.