ޚަބަރު

ތުޅާދޫ ފެހިކުރުމުގައި ކިހާދޫގެ އެހީތެރިކަން


ބ.އަތޮޅު ތުޅާދޫ ފެހިކުރުމަށް އެރަށު ކައުންސިލުން ކުރަމުންދާ މަސައްކަތުގައި ކިހާދޫ ރައްޔިތުން ބައިވެރިވެ ކިހާދޫ ކޮންމެ ރައްޔިތަކަށް އެރަށުގައި ގަހެއް އިންދައިފިއެވެ.

އާއަހާރާ ދިމާކޮށް ބ.އަތޮޅުގައި ކުރިއަށްގެންދިޔަ މިހަރަކާތަކީ ޤައުމީ ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދިޔަ ކަމެކެވެ. 2004ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގައި ކިހާދޫ ރައްޔިތުންނަށް ތުޅާދޫ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމުގެ އަގުވަޒަން ކުރުމުގެ ގޮތުނާއި އެއްބައިވަންތަކަން އިތުރުކޮށް އެއްރަށް އަނެއްރަށާ ގުޅުން ބަދަހިކުރުމަކީ މި ޙަރަކާތުގެ އެއް މަޤުސަދެވެ.

ސުނާމީ ކާރިޘާގައި ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ތުޅާދޫ ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަން މިއަދު އިންދި ގަސްތަކުން ރަމްޒުކޮށްދޭނެކަމަށާ، ކުރިއަށްއޮތް ތަނުގައި ތުޅާދޫގެ ކޮންމެ ރައްޔިތަކަށް ރުކެއްހަދިޔާކުރާނެކަމަށްވެސް ކިހާދޫ ކައުންސިލްގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

މިއީ އެއްރައް އަނެއްރަށާ އޮންނަ ގުޅުން އިތުރުވެ ތުޅާދޫގައި އަލަށް އާބާދުވާ ސަރަހައްދު ފެހި ކުރުމަށް ކައުންސިލުން ކުރަމުންގެންދާ މަސައްކަތައް ލިބުނު ހިތްވަރެއްކަމަށް ތުޅާދޫ ކައުންސިލްގެ ރައީސް އަޙްމަދު ރަޝީދު ވިދާޅުވިއެވެ. އަދި މިކަމަކީ މުޅި ރާއްޖޭގެ ރައްޔިތުން ނަމުނާ ނަގަންޖެހޭކަމެއްކަމަށް ތުޅާދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އާއަހަރާ ގުޅުވައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ސަޤާފީ ކަންތައްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ތުޅާދޫ ގައި އަލަށް އާބާދުވާ ސަރަހައްދަކީ 2010 ވަނައަހަރު ހިއްކާފައިވާ ތަނެކެވެ.